ހަބަރު

މި އަހަރު ހައްޖު ހުއްދަ ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ

Jun 10, 2019
7

މި އަހަރު މީހުން ހައްޖަށް ގެންދަން ފަސް ކުންފުންޏަކަށް ހުއްދަ ދިނުމުގައި އަމަލު ކޮށްފައިވާ އުސޫލުގައި ކޮރަޕްޝަނަށް މަގުފަހިގާ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެފި އެވެ.

ހައްޖަށް މީހުން ގެންދަން ހުއްދަ ނުދިނުމުން ސިސިލްފަރު ހައްޖު ގުރޫޕުން ހުށަހެޅި މައްސަލާގައި އޭސީސީން ބުނެފައިވަނީ ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަހަޅާފައިވާ ނުވާ ދެ ފަރާތެއްގެ ޕްރޮޕޯސަލްތައް ބާތިލްކޮށްފައި ނުވާ ކަމަށެވެ.

އަދި ޕޮއިންޓް ދިނުމުގެ މިންގަނޑެއް އާންމު ކޮށްފައިވީ ނަމަވެސް، އިވެލުއޭޝަން ކޮމިޓީގެ މެންބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް މަތިން ޕޮއިންޓް ދީފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ. އެކަމުގެ ސަބަބުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ހަމަހަމަ އުސޫލެއް ނެތި ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތް ކަމަށް ބެލުމުގެ ޖާގަ ލިބޭ ކަމަށް އޭސީސީން އިތުރަށް ބުނެފައިވެ އެވެ.

އެހެން ކަމުން، އިވޭލުއޭޝަން ކޮމިޓީގައި މަސްލަހަތު ހިމެނޭ ފަރާތްތައް ބައިވެރިވެފައިވާކަމަށް ސިސިލްފަރު ހައްޖު ގުރޫޕުން ތުހުމަތުކޮށްފައިވާއިރު، ޕޮއިންޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ، އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އޭސީސީން އެގޮތަށް ބުނެފައިވާއިރު، މީހުން ހައްޖަށް ގެންދަން ހުއްދަ ދިނީ އުސޫލުގެ ބޭރުން ކަމަށް ބުނެ ސިސިލްފަރު ހައްޖު ގުރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް މައްސަލައެއްވެސް ހުށަހެޅި އެވެ. ނަމަވެސް، އިޖުރާއަތުތައް ފުރިހަމަވެފައި ނުވާކަމަށްބުނެ އެ މައްސަލަ ސިވިލް ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.

ސިސިލްފަރު ގުރޫޕުން އިސްލާމިކް މިނިސްޓްރީ އާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރީ އެ ހައްޖަށް ފޮނުވުމުގެ ހުއްދަ ދޭ ކުންފުނިތައް ކަނޑައެޅީ މައުލޫމާތު ދިން ގޮތާ ހިލާފަށް މާކްްސް ދީގެން ކަމަށް ބުނެ އެވެ.

ނަމަވެސް، ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމުގައި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ހުއްދަ ދިނުމުގައި އެ މިނިސްޓްރީން އަމަލުކުރި ގޮތާ މެދު އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށާއި އެކަން ކުރީ ނަޒާހަތްތެރިކަމާ އެކު ކަމަށް މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.