ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން އެ އެއްބަސްވުން އުވާލީ ރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ބިނާ ކޮށްގެން ނޫން ކަމަށް ހާމަވެ، އެ މައްސަލަ އެހެން ގޮތަކަށް އެނބުރިއްޖެ އެވެ.
ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ވެސް ވަނީ ހުށައަޅާފަ އެވެ.
ޒިޔާދަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެކަމާ ގުޅިގެން، ޕީޖީ އޮފީހުން ބުނެފައި ވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި ޒިޔާދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަން އެސްޖޭ އާ ހަވާލު ކުރަން ނިންމި ނިންމުން އިސްލާމިކް މިނިސްޓްރީން ވަނީ އުވާލާފަ އެވެ. ނަމަވެސް އެކަން އެ މިނިސްޓްރީން ކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީއަށް އެޓާނީ ޖެނެރަލް ދެއްވި ގާނޫނީ ލަފަޔާ ހިލާފަށް ކަމަށް ވަނީ ހާމަވެފަ އެވެ. އެ ލަފާގެ ކޮޕީއެއް އާންމުވެފައިވާއިރު އެއީ އޭޖީގެ ލަފާ ކަމަށް ވަނީ ޔަގީން ކުރެވިފަ އެވެ.
މި ސަރުކާރު އައި ފަހުން ޑިސެންބަރު 23، 2018 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ޒިކުރާ މިސްކިތުގެ މައްސަލާގައި ގާނޫނީ ލަފަޔަކަށް އެދި އޭޖީއަށް ހުށައަޅާފަ އެވެ. އޭޖީން އެ ލަފާ ދީފައި ވަނީ ފެބްރުއަރީ 19، 20019 ގައެވެ.
އެ ލަފާގައި ބުނެފައިވަނީ ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރުމުގައި ގޯހެއް ނެތް ކަމަށެވެ. އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އޭޖީ ލަފާ ދެއްވީ ދެ ފަރާތް އެއްބަސްވެގެން މައްސަލަ ހައްލު ކުރުމަށެވެ.
ނަަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެސްޖޭއާ އެއްވެސް މަޝްވަރާއެއް ނެތި އެއްބަސްވުން އުވާލާފަ އެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ އެއްބަސްވުން އުވާލާފައި ވަނީ އެއީ ގާނޫނާއި ހިލާފަށް ހަދާފައިވާ އެއްބަސްވުމަކަށްވާތީ ކަމަށެވެ. ނަމަވެސް އޭޖީ އެ ގޮތަށް ލަފާ ދެއްވާފައި ނުވާ ކަން ވަނީ އެނގިފަ އެވެ.
އެއްބަސްވުން ހެދީ ހުއްދަ ހޯދައިގެން
ޒިކުރާ މިސްކިތާއި ގުޅޭގޮތުން އޭސީސީން ބެލި މައްސަލާގައި އެއްބަސްވުން ގާއިމްކޮށްފައި ވަނީ ހުއްދަ ހޯދަންޖެހޭ އިދާރާތަކުން ހުއްދަ ނުހޯދާ ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް މިނިސްޓްރީން ވަނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން ވެސް ހުއްދަ ހޯދާފަ އެވެ. އެ ދެ ސިޓީގެ ކޮޕީ ވެސް މީޑިއާއަށް އައިސްފައި ވެއެވެ. ޖޫން 3، 2018 ގައި ރައީސް އޮފީހުން އޭރުގެ މިނިސްޓަރު ޒިޔާދަށް ފޮނުވާފައިވާ ސިޓީގައި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް އަދި ބަޖެޓަށް ބުރަ ބޮޑު ނުވާނެ ގޮތަށް ޕްރޮޕޯސަލް ހުށައަޅާފައި ވަނީ އެސްޖޭއިން ކަމަށްވާތީ އެ މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ކަަމަށް ވަނީ ބުނެފަ އެވެ. އަދި އެ ކައުންސިލްގެ ނިންމާ އެއްގޮތަށް ކުރިއަށް ދިއުމަށް ރައީސް އަންގަވާފައިވާ ކަމަށް ވެސް ސިޓީގައި ވެއެވެ.
ފިނޭންސް މިނިސްޓްރީން މެއި 20، 2018 ގައި ވަނީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކުރިއަށް ދިއުމަށް އަންގާފަ އެވެ.