ހަބަރު

ކުށް ކުރުވާ މީހުން އެއްވަރަކަށް ޒިންމާވާން ޖެހޭ: ޕީޖީ

Sep 27, 2020
4

ކުށް ކުރާ މީހުނާ އެއްވަރަކަށް އެ ކުށެއް ކުރުވާ މީހަކު ވެސް ޒިންމާވާންޖެހޭ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމީމް މިގޮތަށް ވިދާޅުވީ ޒިކުރާ މިސްކިތުގެ މަޝްރޫއުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޑރ. ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

އެގޮތުން، ޒިޔާދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ކުށް ސާބިތުވެއްޖެނަމަ، ޒިޔާދަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޒިޔާދުގެ އިތުރުން، ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލްތައް ހޯދިއިރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، ޒިކުރާ މިސްކިތުގެ މަޝްރޫއުއާ ގުޅޭ މުއާމަލާތްތަކުގެ އެކި މަރުހަލާތަކުގައި ހިމެނޭ ޑަބްލިޔު އެންޑް އޭ އޯވާސީސް ޕީޓީއީ އާއި އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭކަމަށް ފެންނާތީ އެކަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މަޝްރޫއުއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިނުވާ މައުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބިފައިވާތީ އެކަންވެސް ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް ޕީޖީން އިތުރަށް ބުނެފައިވެ އެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވަމުން ޝަމީމް އިތުރަށް ވިދާޅުވީ ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުން ހިމެނޭގޮތަށް މިދެބައިވެސް ހަމައަކަށް އަޅުވާންޖެހޭކަމަށާއި އެއްވަރަކަށް ޒިންމާވާންޖެހޭ ކަމަށެވެ.

"ކުރީގެ ބައެއް ވިސްނުން މިހާރު މިއުޅެނީ ދޫކޮށްލަން. މިކަހަލަ ކަންކަން ކޮށްފަ ސަލާމަތެއް ނުވެވޭނެ. އިރާދަކުރެއްވިއްޔާ، އެންމެން ގުޅިގެން ނަތީޖާ ނެރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.