ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޑރ. ޒިޔާދަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހެވެ.
އެކަމާ ގުޅިގެން، ޕީޖީ އޮފީހުން މިއަދު ބުނީ ޑރ. ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
އެގޮތުން، ޑރ. ޒިޔާދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ ކުށް ސާބިތުވެއްޖެނަމަ، ޑރ. ޒިޔާދަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޒިޔާދުގެ އިތުރުން، ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލްތައް ހޯދިއިރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، ޒިކުރާ މިސްކިތުގެ މަޝްރޫއުއާ ގުޅޭ މުއާމަލާތްތަކުގެ އެކި މަރުހަލާތަކުގައި ހިމެނޭ ޑަބްލިޔު އެންޑް އޭ އޯވާސީސް ޕީޓީއީ އާއި އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭކަމަށް ފެންނާތީ އެކަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މަޝްރޫއުއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިނުވާ މައުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބިފައިވާތީ އެކަންވެސް ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް ޕީޖީން އިތުރަށް ބުނެފައިވެ އެވެ.