ޑރ. އަހުމަދު ޒިޔާދު ބާގިރު

ކުރީގެ މިނިސްޓަރު ޒިޔާދަށް ދައުވާކުރަން ފޮނުވައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ. ޒިޔާދުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށެވެ.

އޭސީސީން މިއަދު ބުނީ ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެ ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް ތިން ޕްރޮޕޯސަލްއެއްގެ މައުލޫމާތު ހިމަނައި އެ ތިން ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް މި ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސުލްޖުމުހުރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަން ކަމަށް ތަހުގީގަށް ގަބޫލު ކުރެވޭ ކަމަށެވެ.

އޭސީސީން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވއިރު އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުސޫލު ނޫން ކަަމަށެވެ. އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ތަހުގީގަށް އެނގިފައިވާތީ، އެ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގުގައި ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަހީ ހެކިތަކުން ސާބިތުކުރެވޭ ކަމަށެވެ.

އަދި މި އެއްބަސްވުމުގައި ހުރި ކަންކަމަށް ބަލާއިރު، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ. އެހެން ކަމުން ޒިޔާދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ދައުވާކޮށް ދިނުމަށް އޭސީސީން ވަނީ އެދިފައެވެ.

މީގެ އިތުރުން ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލްތައް ހޯދިއިރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދު، އެސްޖޭ ކޮންސްޓްރަކްޝަންއަށް މި މަޝްރޫއު ހަވާލުކުރުމަށް މަސައްކަތްކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.