މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތިންވަނަ މަޝްވަރާތައް ފަށައިފި

ރާއްޖެއާއި ޗައިނާ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން ބާއްވާ ތިން ވަނަ މަޝްވަރާ ބައްދަލުވުން ފަށައިފި އެވެ. ބަންޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ފެށުނު މި މަޝްވަރާގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ޗައިނާ ވަފުދުގެ ފަރާތުން އިސްކޮށް ހުންނެވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ފޫ ކަން އެވެ.

މިއަދު ފެށި މި ބައްދަލުވުން ތިން ދުވަހަށް ކުރިޔަށް ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް މަޝްވަރާއާބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ. މަޝްވަރާތައް ކުރިޔަށް ގެންދަނީ ނޫސްވެރިންނަށް ދޮރު ބަންދުކޮށްގެނެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އުފެއްދުންތައް ޗައިނާގެ ބާޒާރުގައި ވިއްކާނެ މަގުފަހިވެގެންދާނެ ކަމަށާއި ޗައިނާއަށް އިމްޕޯޓު ކުރުމަށް ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ސައީދު ވަނީ ކުރިން ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ މި އެއްބަސްވުމުގެ ސަބަބުން ހާއްސަ ގޮތެއްގައި މަހާއި ދިވެހި ރައްޔިތުން ބާނާ މަސް ޗައިނާ މާކެޓަށް އެއްވެސް ޓެރިފެއް ނެތި އިމްޕޯޓު ކުރެވޭނެ އިންތިޒާމަށް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖެއާ ޗައިނާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިޔުމަށް މަޝްވަރާ ކުރަމުން އަންނަ އިރު ދާދި ފަހުން ހޮންކޮން ސަރުކާރުން ވަނީ ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިޔުމަށް މަޝްވަރާ ކުރަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.