އުއްމީދަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ޗައިނާއިން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖެއާއި ޗައިނާގެ ބައިލޭޓަރަލް ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން ހޮޓެލް ޖެންގައި މިއަދު ބޭއްވި "ބެލްޓް އެންޑް ރޯޑް" ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ޗައިނާގެ އެހީތެރިކަން ނުލިބުނު ނަމަ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައި ނުގަނެވުނީސް ކަމަށެވެ.
ފައްޔާޒު ވަނީ ޗައިނާ ސަރުކާރުން ދިވެހިންނަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
"ރާއްޖެއަކީ ވަރަށް ނަސީބު ގަދަ ގައުމެއް. އެއީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ރާއްޖެއާ އެންމެ ގާތުން މަސައްކަތް ކުރާ އެއް ގައުމަކަށް ޗައިނާ ވާތީ. ކޮވިޑްގެ ހާލަތުން ރާއްޖެ އަރައިގަންނަ މި ދަނޑިވަޅުގައި އެކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދިން އެއް ގައުމަކީ ޗައިނާ" ފައްޔާޒް ވިދާޅުވި އެވެ.
ކޮވިޑުގެ ސަބަބުން އައި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރި އެންމެ ބޮޑު ކަމަކީ ގައުމުގެ ބޯޑަރު އަވަހަށް ހުޅުވާލުން ކަމަށާއި މި ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު 2021 ވަނަ އަހަރުގެ ތެރޭގައި ރަނގަޅުވާން ފެށިކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.
ކޮވިޑް ފެށުމުގެ ކުރިން ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު އެހެން އެއްވެސް ގައުމަކާއި އަޅައިބަލާއިރު އިތުރުކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އަންނަން ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ކޮވިޑުގެ ހާލަތުން ރާއްޖޭގެ އިގްތިސާދު އަރައިގަތުމުގެ ސަބަބަކީ ދުރާލާ ސަރުކާރުން އެކުލަވާލި ނެޝެނަލް ރިޒެލިއެންސް އެންޑް ރިކަވަރީ ޕްލޭން ކަމަށެވެ.
ޕްލޭންގައި ހިމެނެނީ ސްޓްރެޓީޖިކް އިންފްރާސްޓްރަކްޗާ އެސެޓުތައް ގާއިމުކުރުމާއި، ޑީސެންޓްރަލައިޒް ކުރުމާއި، ޑައިވަސިފިކޭޝަން، ޓޫރިޒަމް ފުޅާކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި އެސްއެމްއީގެ ދައުރު އިތުރު ކުރުމާއި، މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް އިތުރު ކުރުމެވެ.
ނަމަވެސް މި ޕްލޭން އިތުރަށް ހަރުދަނާކޮށް ތަރައްގީގެ މަގުން ކުރިއަށްދާން ރިކަވަރީ ޕްލޭންއަށް ބޭރުގެ އިންވެސްޓްމެންޓް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ ހުރިހާ ކަމެއް ނިމެންދެން އެހީތެރިވެދޭނެ "ވަން ސްޓޮޕް ޝޮޕެއް" ގާއިމުކޮށްފައިވާ ކަަމަށެވެ. އަދި އެ ފަރާތްތަކަށް ލުއިސަފޭހަ ކޮށްދިނުމުގެ ގޮތުން ހިދުމަތްތައް ޑިޖިޓައިޒްކޮށް 90 ޕަސެންޓު ބިޒްނަސް ރަޖިސްޓްރޭޝަން މިހާރު އޮންލައިން ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއަށް މިދިޔަ އަހަރު އިމްޕޯޓްކުރި މުދަލުގެ 12.6 ޕަސެންޓަކީ ޗައިނާއިން ރާއްޖެއަށް އެތެރެކުރި މުދަލެވެ. އެއީ 325 މިލިއަން ޑޮލަރެވެ. އެކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުން ރާއްޖެއިން ޗައިނާއަށް މަސް އެކްސްޕޯޓްކުރާ މިންވަރު މަދު ކަމަށެވެ.
"މަސްވެރިކަމުގެ ސިނާޔަތުން ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރާ މަހުގެ އަދަދު މަދު. އެހެންކަމުން މި ސިނާޔަތުން އެކްސްޕޯޓް އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ކުރިއަށް އޮތްތަނުގައި ޗައިނާއާއި މަޝްވަރާކުރެވޭނެ ކަމަށް އުއްމީދު ކުރަން" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.