ވިޔަފާރި

ވިޔަފާރި އެހީގެ އެއްބަސްވުމެއްގައި ޗައިނާއާ ރާއްޖެ ސޮއިކޮށްފި

ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް ދިމާވާ ދަތިތަކުގައި އެހީތެރީކަން ފޯރުކޮށްދޭން ޗައިނާ އާއި ރާއްޖެއިން އެއްބަސްވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާއިން ސޮއި ކުރި މި އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ސޮއި ކުރެއްވީ މާކެޓް ރެގިއުލޭޝަން އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރު ޒޭންގް މާއޯ އެވެ

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ޗައިނާއާއެކުވި މި އެއްބަސްވުމެއްގެ ސަބަބަން ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރީގައި ހިމެނޭ ދާއިރާތަކުގެ އެކްސްޕާޓުންނާއެކު ރާއްޖެއަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މި އެއްބަސްވުމާއެކު ރާއްޖޭގެ ފަންނީ ދާއިރާތަކަށް ވެސް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށާއި ރާއްޖޭގެ ވިޔަފާރި ފުޅާ ކުރުމުގައި ޗައިނާ ފަދަ ބޮޑު ގައުމެއްގެ ތަޖުރިބާ މުހިންމު ކަމަށެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދުވި އެހީތެރިކަން ފޯރުކޮށް ދިނުމު އެއްބަސްވުމުގެ ދަށުން ވޯކްޝޮޕްތައް ބާވައި ކަނޑައެޅޭ ދާއިރާތަކަށް ދެ ގައުމުން މަޝްވަރާ ކުރާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ބާއްވަމުން އައި ގާތް ގުޅުމުގެ ސިޔާސަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް ޗައިނާއާއެކު އޮތް ގުޅުން ހީނަރުވިޔަ ނުދިނުމަށް މަސައްކަތްތައް ވަނީ ފަށާފަ އެވެ. މިދިއަ ދުވަސްތަކުގައި ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންފައިވާއިރު މިހާރުވެސް ހިނގަމުންދާ މަޝްރޫއުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ވީއައިއޭގެ ބިޔަ މަޝްރޫއުގެ ބައިތައް ހިމެނެ އެވެ.