އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް އިއްޔެ ރަސްމީކޮށް ފަށާފައިވާއިރު، މުދާ އުފުލުން ފަސޭހަވެގެން ދިޔުމުގެ ބަދަލުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރައްދު ދެއްވައިފި އެވެ.
އިންޑިއާގެ ފެރީގެ މައްސަލާގައި އެންމެ ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވަނީ ރާއްޖޭގެ އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އެ ފަދަ ގިނަ ބޭފުޅުންގެ ނަޒަރުގައި އިންޑިއާގެ ދަތުރުތައް ރާއްޖެއާ ދިމާއަށް އަނބުރާލުން ވެގެން ދާނީ ދިވެހި އިގްތިސޯދު ބެދޭނެ މަޅިއެއްގެ ތެރެއަށް ރާއްޖެ ވަދެގެން ދިއުމަށެވެ.
ނަމަވެސް، ފައްޔާޒް ވިދާޅުވި ގޮތުގައި، ކާގޯ ފެރީގައި ރާއްޖެއަށް ހަމައެކަނި ގެންނާނީ ދިވެހި އިމްޕޯޓަރުން ގަނެފައިވާ މުދާ ކަމަށެވެ. އަދި މި ފެރީގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ޔަގީންވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު އޮޕަރޭޓު ކުރާ ކާގޯ އުޅަނދުތަކާ ހުރި ހަމައެކަނި ތަފާތަކީ މި ކާގޯ ފެރީއަކީ ދުރާލާ ޝެޑިއުލް ކުރެވިގެން ވިޔަފާރީގެ ނިޒާމަށް ފަސޭހަވެގެންދާނެ ހިދުމަތެއް،" ފައްޔާޒް ވިދާޅުވި އެވެ.
ކޮޗިނަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާ ދެމެދުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު ޓުޓިކޯރިން އިން ފުރައިގެން މާދަމާ ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހު ރާއްޖެއަށް ދަތުރު ފަށާނެ އެވެ. މި ހިދުމަތުގެ ދަށުން އަންނަ ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުށްޓަށް ކައިރިކުރަނީ އަންނަ ހޮނިހިރު ދުވަހެވެ. އޭގެ ތިން ދުވަސް ފަހުން މާލެއަށް ވަނުމަށް ތާވަލު ކޮށްފައިވާއިރު، އެ ބޯޓު ރާއްޖޭން ފުރާނީ 10 ދުވަސް ފަހުންނެވެ.
ފުރަތަމަ އަންނަ ކޮންޓެއިނަރު ބޯޓުގައި މެޝިނަރީ އާއި، ފަރުނީޗަރާއި ކާބޯތަކެތީގެ އިތުރުން ބޭހުގެ ސަމާނު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އުތުރުގެ ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލަށް ވުމާއެކު، އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރެން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މި ސަރުކާރުގެ ބުނެފައި ވެއެވެ.
މި ހިދުމަތުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ލުއި ފަސޭހަ ކަމެއް ލިބޭނެ ކަމަށައި ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެ ކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވަނީ ވިދާޅުވެފައިވެ އެވެ.