ދަތުރުވެރިންގެ މާރުކޭޓްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތައް އެތަނުން ބޭރު ކުރުމަށް ކަމަށް ބުނެ، ހައުސިން މިނިސްޓްރީ އާއި ފުލުހުން އިއްޔެ ކުރި މަސައްކަތަކީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަތުރުވެރިންގެ މާރުކޭޓްގެ ހިދުމަތަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ އަސާސީ ހިދުމަތެއް ކަމަށެވެ. އަދި އެތަނުން ގޮޅި ދޫކޮށްފައި ވަނީ އެގްރިމަންޓެއްގެ ދަށުން ކަމަށްވާ އިރު، ސިޓީ ކައުންސިލްގެ ސްޕަވައިޒަރުން ކަމަށް ބުނާ ބަޔަކު އެތަނަށް ވަދެ، މާރުކޭޓުން ބައެއް ފަރާތްތައް ނެރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިކަމަކީ ކައުންސިލަށް އެއްވެސް ވަރަކަށް އެނގިގެން އަދި ކައުންސިލްގެ ބަޔަކު ހިމެނިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި އެވެ.
"އިއްޔެ މާރުކޭޓްގައި ހިނގި ކަންތައްތަކަކީ މި ކައުންސިލުން ކޮށްފައިވާ ކަންތައްތަކެއް ނޫނެވެ. އަދި އެފަދަ ކަމެއް ޕޮލިހުންނާއި ހައުސިން މިނިސްޓްރީން ކުރައްވަން އުޅުއްވާ ކަމުގެ އެއްވެސް އިޝާރާތެއް ކުރެއްވުމެއް ނެތި ހިންގާފައިވާ ގާނޫނާ ހިލާފު ކަންތައްތަކެއް ކަމަށް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
ކައުންސިލުން ބުނި ގޮތުގައި އިއްޔެ ހިންގި އެ އަމަލުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްކަމަށްވާ މާރުކޭޓްގެ ވިޔަފާރިއަށް ބުރޫ އަރާ ބަޔަކު ކާންބޯން ކުރާ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ތެރެއަށް މިނިސްޓްރީ އާއި ފުލުހުން ވަދެ ހިންގި ކަންތައްތަކަކީ ޖެއްސުން ކުރުމުގެ އަމަލެއްގެ ގޮތުގައި ކައުންސިލުން ވަނީ ސިފަކޮށްފަ އެވެ.
"މިކަން މާލޭ ސިޓީ ކައުންސިލުން ކުށްވެރި ކުރާހާލު ހިތާމަ ކުރަމެވެ. އަދި މިކަމަކީ ކައުންސިލް ވެސް ބަދުނާމު ވާނެ ގޮތަކަށް ކުރެވިފައިވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތައް ދޫކޮށްފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް އެކޮޅި ކުއްޔަށް ދީގެން ފައިދާ ނެގުމާއި ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރުމުގެ މައްސަލަ ވަނީ މީގެ ކުރިން ވެސް ފެންމަތިވެފަ އެވެ. އަދި އެ ސަރަހައްދުގެ ކުނީގެ މައްސަލަ ވެސް ހައްލުވެފައެއް ނުވެ އެވެ.