މާލޭގައި މިރޭ ދެ މީހަކަށް ތޫނު އެއްޗެހިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އުމުރުން 21 އަހަރާއި 19 އަހަރުގެ އެ ދެ މީހުންނަށް ހަމަލާދީފައިވަނީ އިމްނާ ނަމަކަށް ކިޔާ ފިހާރައެއްގެ ކައިރިން ކަމަށެވެ. އެ ދެ މީހުންނަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށްވެ އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން މިރޭ ދެ މީހަކަށް ހަމަލާދިންއިރު މިދިޔަ ޑިސެމްބަރު މަހު ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުންނަށް ބޮޑެތި އަދަބުތައް ހިމަނާފައިވެ އެވެ. އަދި އެފަދަ މައްސަލަތަކުގެ ތަހުގީގު 15 ދުވަސް ތެރޭގައި ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭއިރު އެފަދަ މައްސަލައެއް ކޯޓަށް ފޮނުވާތާ 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަންޖެހެ އެވެ.