ހަބަރު

ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގެ އުސޫލު ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

Feb 8, 2015

ހައި ކޯޓަށް ފަނޑިޔާރުން ނެގުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން އެކުލަވާލި އުސޫލު ހައި ކޯޓުން ބާތިލްކުރުމާ ގުޅިގެން އެ މައްސަލަ އެ ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި އެވެ.

ހައި ކޯޓަށް ފަނޑިޔާރުން ނެގުމަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެކުލަވާލި އެ އުސޫލު ހައި ކޯޓުން ވަނީ މިދިޔަ ނޮވެމްބަރު މަހު ބާތިލްކޮށް، އެކަމަށް އާ އުސޫލެއް ހެދުމަށް ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ ކޯޓުން އެގޮތަށް ނިންމީ އެ އުސޫލު ރަނގަޅު ނޫން ކަމަށް ބުނެ ގާނޫނީ ދެ ވަކީލަކު އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

އެ މައްސަލަ ޖޭއެސްސީން އިސްތިއުނާފްކުރީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވައިފައެއް ނުވެއެވެ.

ހައި ކޯޓުން ބާތިލްކުރި އެ އުސޫލަކީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާތީ އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާތީ ހައި ކޯޓުގެ ބެންޗުން ފަނޑިޔާރަކު މަދުވާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އެކުލަވާލި އުސޫލެކެވެ. އެ އުސޫލުގެ ދަށުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ނުވަ ބޭފުޅަކު ކުރިމަތި ވެސް ލެއްވި އެވެ.

އެ އުސޫލުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވާ ހައި ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަމިއްލައަށް ރިޓަޔާވެ ވަޑައިގެންފަ އެވެ. ޔޫސުފް ފަނޑިޔާރުކަމުން ވަކިވުމާ އެކު ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ.