ވިޔަފާރި

އެމްޓީޑީސީން އަމިއްލައަށް ރިސޯޓު ތަރައްގީ ކުރަން އަމާޒު ހިފައިފި

  • ބިޒްނަސް ޕްލޭނަށް ތިން މަހުގެ ތެރޭގައި އަމަލު ކުރަން ފަށާނެ
  • އަމިއްލައަށް ރިސޯޓް ތަރައްގީކޮށް، ހިންގަން ފަށާނެ
  • މާލީ ގޮތުން ރަނގަޅު ކުންފުންޏަކަށް ހެދުމަށް އަމާޒު ހިފައިފި

އެމްޓީޑީސީ އަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ދިނުން ހުއްޓާލުމަށްފަހު، އަމިއްލައަށް ތަރައްގީ ކުރަން އާ ބިޒްނަސްޕްލޭންގައި އަމާޒު ހިފައިފި އެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ކުރިމަގުގެ ތަސްވުރުމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ގޮތުން މިހާރު ހަދާފައިވާ ބިޒްނަސް ޕްލޭނާ އެއްގޮތަށް އަމަލު ކުރެވެމުން ނުދާތީ، އާ ބިޒްނަސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އާ ބިޒްނަސް ޕްލޭނަށް އަމަލު ކުރަން ފެށޭނެ ކަމަށެވެ.

"މި ޕްލޭންގެ ދަށުން ކުންފުނީގެ ވިސްނުން ހުރީ ރައްތައް އަމިއްލައަށް ތަރައްގީ ކުރުމަށްފަހު އަމިއްލައަށް ހިންގުމަށެވެ،" އެމްޓީޑީސީން ބުނެފައިވެ އެވެ.

އެމްޓީޑީސީއަށް ސަރުކާރުން ނުވަ ރަށެއް ދޫކޮށްފައިވެ އެވެ. މީގެ ތެރެއިން ބައެއް ރައްތަށް ކުއްޔަށް ދޫކޮށްގެން ތަރައްގީކޮށް ދަނީ ހިންގަމުންނެވެ. މިރައްތަކުން މިދިޔަ އަހަރު 13 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ކުންފުންޏަށް ލިބުނެވެ.

އެމްޓީޑީސީން ބުނި ގޮތުގައި ކުންފުންޏަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލައި ދިމާވެފައިވާ މާލީދަތިތަކުން އަރަައި ގަތުމަށް ޑިރެކްޓަރުންގެ ބޯޑާއި ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"...އެހެންކަމުން ކުންފުނީގެ ވިޔަފާރީގެ ވިޔަފާރީގެ ސިޔާސަތުތަކަށާއި އަދި އޮނިގަނޑަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނެސް ވަރުގަދަ ވިޔަފާރި ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ކުންފުންޏަށް ކާމިޔާބު ހާސިލްކުރެވޭކަމީ ޝައްކެއް އޮތް ކަމެއް ކަމުގައި ދެކެމެވެ،" އެމްޓީޑީސީގެ ރިޕޯޓުގައިވެ އެވެ.