ދުނިޔެ

ރިޕަބްލިކަން ޕާޓީގެ ޓިކެޓާ ވަރަށް ކައިރިއަށް ޓްރަމްޕް ޖެހިލައިފި

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި މިހާރު ވާދަކުރަމުންދާ ހަމައެކަނި ކެނޑިޑޭޓު އަދި ބިލިއަނަރު ޑޮނާލްޑް ޓްރަމްޕް ވޮޝިންޓަން ސްޓޭޓްގެ ޕްރައިމަރީ ކާމިޔާބުކޮށް ޕާޓީ ޓިކެޓު ވަރަށް ބޮޑަށް ކަށަވަރުކޮށްފި އެވެ. ޓްރަމްޕަށް މިހާރުވަނީ ޕާޓީގެ ޓިކެޓް ހޯދަން ބޭނުންވާ 1،237 ޑެލިގޭޓުންގެ ވޯޓުގެ ތެރެއިން 1،229 ވޯޓު ހޯދާފަ އެވެ. ޓިކެޓު ހޯދަން ޓްރަމްޕަށް މިހާރު މަދުވަނީ އަށް ޑެލިގޭޓުންގެ ވޯޓެވެ.

ޓްރަމްޕްއަށް ވަނީ ވޮޝިންޓަނުން އެކަނިވެސް 40 ޑެލިގޭޓުންގެ ވޯޓު ލިބިފަ އެވެ. ޕާޓީގެ ޓިކެޓު ހޯދަން މަދުވާ ޑެލިގޭޓުންގެ ވޯޓު ކުރިއަށް އޮތް ޕްރައިމަރީތަކުން ޓްރަމްޕަށް ލިބޭނެ ކަމަށް ބެލެވެ އެވެ. ޖޫން މަހުގެ ހަތް ވަނަ ދުވަހު ކެލިފޯނިއާ، ނިއު ޖާޒީ، މެކްސިކޯ، މޮންޓާނާ އަދި ދެކުނު ޑަކޯޓާއިން ޓްރަމްޕަށް ޕާޓީ ޓިކެޓް ލިބޭނެކަން ކަމަށް ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.

ވޮޝިންޓަން ޕްރައިމަރީގެ ނަތީޖާއަށް ބަލާއިރު ޓްރަމްޕް ވަނީ 76 ޕަސަންޓު ވޯޓު ހޯދާފަ އެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނިއު ޔޯކްގެ ބިލިއަނަރު ޓްރަމްޕް ވަނީ 76 ޕަސެންޓް ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕާ ވާދަކުރަމުން ދިޔަ އެޕާޓީގެ އަނެއް ތިން ކެނޑިޑޭޓުންވަނީ ބަލި ގަބޫލުކޮށް އިންތިހާބުން ވަކިވެފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްއާ ވާދަކުރާނެ ކަމަށް ގަބޫލުކުރެވެނީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ބޮޑު ކާމިޔާބެއް ހޯދަމުން އަންނަ ހިލަރީ ކްލިންޓަން އެވެ. ޑިމޮކްރެޓިކް ޕާޓީގެ ދެވަނަ ކެންޑިޑޭޓު ބާނީ ސެންޑާސް އަށް އާންމުންގެ މާބޮޑު ތާއީދެއް ނެތެވެ.