ހަވީރު ނޫހުގައި މަސައްކަތްކުރިއިރު އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މަރުހޫމް މުހައްމަދު ޒާހިރު ނަސީރާ ވަރަށް ގިނައިން ބައްދަލުކުރަންޖެހެ އެވެ. އެކަމަކު އެބޭފުޅާގެ ބިޒީ ޝެޑިއުލުން ވަގުތު ލިބޭނީ ވަރަށް މަދު ފަހަރަކު ނަސީބު ވެސް ރަނގަޅު ވަގުތެއްގަ އެވެ. ގިނަ ފަހަރު ފަހަރު އަޅުގަނޑަށް ދެއްވާ ޖަވާބަކީ މިއީ އެވެ.
"ތީ ކޮން ނޫހަކުން. އޮހޯ. އޮހޯ. އެހެންވީމާ ތިއީ (ހަވީރުގެ ކުރީގެ އެޑިޓަރު، ބްރޯޑްކާސްޓިން ކޮމިޝަނުގެ މިހާރުގެ ރައީސް މުހައްމަދު) ޝަހީބު ކުއްޖެއްދޯ. އެހެންވީމަ ހަދަންވީ ގޮތަކީ ދައްކަން ބޭނުންވާ ހުރިހާ ވާހަކަ މިހާރު ދައްކަންވީ. ލިބޭނީ ބަރާބަރު ދޮޅު މިނިޓް. މިހާރު ވަގުތު ގުނަން ފެއްޓީ،"
ވަގުތު ހަމަވުމުން އިތުރަށް ފުރުސަތު ނުދެއްވައި ޒާހިރު ފޯނު ކަނޑާލައްވާނެ އެވެ. ދެން ގުޅަން ޖެހޭނީ އަނެއް ދުވަހު އެވެ. ވަރަށް މަދު ދުވަހެއްގައި ނޫނީ އަޅުގަނޑު ބޭނުންވާ މައުލޫމާތު އެހާ ފަސޭހައިން ނުލިބޭނެ އެވެ. މިހެންވެ އެއް ދުވަހު އޮލިމްޕިކް ކޮމިޓީ އަށް ދިޔައީމެވެ. އެތަނުގައި އުޅުއްވަނީ ޒާހިރު ނަސީރު ގިނިކަންޏާ އެވެ. ވަރަށް ގިނަ ސުވާލުތައް ކުރުމަށްފަހު އަޅުގަނޑު އެތެރެއަށް ވައްދާފައި އެންމެ އާދައިގެ ޕްލާސްޓިކް ގޮނޑިއެއްގައި އިށީންނަން ވިދާޅުވި އެވެ. އެކަމަކު ޖެހިގެންހުރި ގޮނޑީގައި އިށީނުމުން ގަވާއިދާ ހިލާފުވީ ކަމަށްވާ ބުނެ އަޅުގަނޑު ފޮނުވާލި އެވެ.
"ހޯ ހޯ މިހާރު ތިޔަވީ އަހަރެން ބުނި ގޮތާ ހިލާފު. އެހެންވީމާ މިއަދު ތިކަންވާކަށް ނެތް. މާދަމާ 10ޖަހާއިރު އަންނަވީ. ސުންސިކުންތައް މިތާ ބޭރުގައި މި ބޯޑުކައިރީގައި ހުރެ މިތާ ފޯނަށް ގުޅާ" އޮލިމްޕިކް ކޮމިޓީގެ ބޭރުގައި ހުރި ވިއްސަކަށް ނަންބޯޑުގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބޯޑު ދައްކާފައި އެތެރެއަށްވަދެ ދޮރުތަޅުއެޅުވި އެވެ.
ޖެހިގެން އައި ދުވަހު ހެނދުނު އަނެއްކާ ވެސް ޒާހިރާ ބައްދަލުކުރަން ދިޔައީމެވެ. ވިދާޅުވާ އެއްވެސް ގޮތަކާ ހިލާފު ނުވާން ހިތުލައިގެންނެވެ. 1979ގެ ރިޔޫނިއަންގައި ކުޅުނު ބެޑްމިންޓަން ޓީމާއި ލޯމެޑަލް ހޯދި ފުޓްބޯޅަ ޓީމުގެ ތަފްސީލަކަށް އެދުމުން އަޅުގަނޑު އަތަށް ދިނީ 555ގެ ދެ ބުރި ބެޓެރީ ލެއްވީ ޓޯޗު ބައްތިއެކެވެ. ދެން ވެއްދީ އެއްވެސް އަލިކަމެއްނެތް ފޮތް ގުދަނަކަށެވެ.
"މިތާ ހުންނާނެ ކަލޭ ތިކުރާ ހުރިހާ ސުވާލެއްޖެ ޖަވާބު. މިތަނުން ހޯދަންވީ. އަހަރެން އެބައަންނަން. އެއްވެސް އިތުރު ވާހަކަ ދައްކައިގެންނުވާނެ،" ކަމަށް ވިދާޅުވެވެފައި ވަޑައިގަތީ އެވެ.
ޓޯޗުން އަލިކުރަމުން ފޮތް ހޯދަން ފޫހިވި އެވެ. ހޫނުގަދަ ކަމުން ދާހިތްލާ ފޯވެއްޖެ އެވެ. މިހެންވެ ނުކުމެގެން އައިސް އެއްކަލަ ގޮނޑީގައި އިދެފައި ޒާހިރު ކޮބާތޯ ހޯދަން ފެށި ނަމަވެސް އެބޭފުޅާގެ ހިލަމެއްވީ ވެސް މެންދުރު އެކެއް ޖެހި ފަހުންނެވެ. އަޅުގަނޑު ވަގުތުން ޝަކުވާ އޮއްސާލުމުން ޑޮންޑޮން ފުޅިއަކާއި ނިއުޓްރޯ ބިސްކޯދު ޕެކެޓެއްދީފައި މިއީ މިއަދުގެ ކޮއްތު ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން ގެންގޮސް މޮނީޓަރު ފޮތެއް ހުޅުވާފައި ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންގެ ލިސްޓު ދައްކާލި އެވެ. އެފޮތުގައި ވަރަށް ގިނަ ވާހަކަ ހުއްޓެވެ. ފޮތް ބަލަން ފެށިތާ އިރުކޮޅެއް ފަހުން ފޮތްގުދަނަށް ވެއްދީ ކީއްކުރަންތޯ އަޅުގަނޑު ސުވާލުކުރީމެވެ.
"މީގައި ވާގޮތަކީ ކަލޭމެން އުޅެނީ މާފަސޭހައިން އެއްޗެހި ހޯދަން. މައުލޫމާތު އެހާ ފަސޭހައިން ނުލިބޭނެ. މިހެން ހެދީމަ ކަލޭ މި މައުލޫމާތު ރައްކާކުރާނީ. އެހެންނޫނީ އަހަރެން އަބަދުޖެހޭނީ ދޭން. މިހާރު ކަލެއަށް ވިސްނެންވާނެ މިއީ ވަރަށް އުނދަގުލުން ހޯދި އެއްޗެއްކަން. އެނގޭތަ މައުލޫމާތަކީ ވަރަށް އަގުހުރި އެއްޗެއް. މިފޮތުގައި އޮތްގޮތަށް ލިޔަންވާނީ. އެއްވެސް އެއްޗެއް ބަދަލުކޮށްގެންނުވާނެ،" ޒާހިރު ވިދާޅުވި އެވެ.
ނަމަވެސް ފޮތުގައި ހުރި އިބާރާތްތައް ކޮޕީ ކޮށްފިއްޔާ އަޅުގަނޑުގެ އެޑިޓަރު ޝަހީބު އެޑިޓްކުރާނެއާ ބުނުމުން ފޮތް އަތުލާފައި ވަގުތުން އަޅުގަނޑު ފޮނުވާލި އެވެ.
ސަރުކާރުގެ ގިނަ ވުޒާރާތަކެއް ހިންގެވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ބޭބެ ޒާހިރު ނަސީރަކީ މޮޅު ބޭފުޅެކެވެ. މުޅި އުމުރުހެން ކުޅިވަރަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެއީ ގަވާއިދުތަކަށް ނުހަނު ހުރުމަތްތެރިކޮށް ހިތްތެވި ބޭފުޅެކެވެ. އިނގިރޭސި ބަހުން އެންމެ ފުރަތަމަ ނޫހެއް ނެރުއްވި ބޭފުޅާ އެވެ. އެއީ މޯނިންގެސަންގެ ނަމުގައި ހަފުތާއެކު ދެ ފަހަރު ސްރީލަންކާގަ އެވެ. ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ނޫސްވެރިކަމުގެ ރަންގަލަން ޒާހިރަށް ލިބިވަޑައިގެންނެވި އެވެ. ދިވެހިރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25ގެ އާއްމު ހިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންނެވި އެވެ.
ޒާހިރު އެންމެ ފުރަތަމަ ލިޔުއްވަން ފެއްޓެވީ ސްރީލަންކާގައި ކިޔަވާވިދާޅުވާން ހުންނެވިއިރު ސެންޓް ޕީޓާސް ކޮލެޖްގެ ނޫސް ކަމަށްވާ ޕީޓަ ރައިޓް މެގަޒިން އަށެވެ. އޭގެ ފަހުން މޫން ލައިޓާއި ވިޔަފާރި މިއަދު އަދި މުންނާރާއި އެންއެސްއޭ ނިއުސްލެޓާ ފަދަ ނޫސްތައް ނެރުއްވި އެވެ.
ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަކީ ވެސް އޭނާ އެވެ. ދައުލަތަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކުރެއްވި ޒާހިރު އެންމެ ފުރަތަމަ އަދާކުރެއްވީ ދާހިލީ ވުޒާރާގެ ޚާރިޖީ ވަކީލުގެ ސެކްރެޓަރީކަމުގެ ވަޒީފާ އެވެ. އޭގެ ފަހުން މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީކަމާއި ވުޒާރަތުއް ޞިއްޙާގެ ސެކްރެޓަރީކަމާއި ވުޒާރަތުލް މާލިއްޔާގެ ސެކްރެޓަރީކަން ކުރައްވައި މީޓިއޮރޮލޮޖިކަލް އޮބްޒާވަރުކަމާއި ހެލްތް މިނިސްޓްރީގެ ހާއްސަ ވަކީލުކަން ވެސް ކުރެއްވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ އިތުރުން ރާއްޖޭގައި ފުރަތަމަ އުފެދުނު ކުޅިވަރުގެ މުމްތަޒިމްގެ ސެކްރެޓަރީކަމާއި ސްޕޯޓްސް ޑިވިޜަންގެ ވަކީލުކަމާއި އެޑްވައިޒަރު އޮން ޔޫތު ވެލްފެއަރ އެންޑް ރެކްރިއޭޝަން ކަމުގެ މަގާމުވެސް ޒާހިރު އަދާކުރެއްވި އެވެ. އަދި ނާސިރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ) ވަރަށް ފަހަކާ ޖެހެންދެން ހިންގެވިއިރު ނިއު ސްޕޯޓްސް އެކެޑަމީ އުފެއްދެވީ ވެސް ޒާހިރެވެ.
"ޒާހިރަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އެންމެ އަގުހުރި ސަހުޝިއްޔަތު. ޒާހިރުގެ ހިދުމަތް އަގުނުކުރެވޭނެ. އެހާވެސް ގިނަ، ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް އެއީ. ދިވެހިރާއްޖޭގެ ކުޅިވަރަށް އެންމެ ބޮޑު ކުރިއެރުން ގެނެސްދެއްވަން އަމަލީގޮތުން އުޅުއްވި ބޭފުޅަކީ ޒާހިރު،" ޒާހިރަށްފަހު އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި ކުރީގެ ގައުމީ ކެޕްޓަން އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.
ނިޝާން އިއްޒުއްދީންގެ ޝަރަފު ލިބިވަޑައިގެންވާ ހިދުމަތްތެރި ޒާހިރުގެ ހަނދާންތައް ދިވެހި ކުޅިވަރު ވެށީގައި އަބަދުމެ ހުންނާނެ އެވެ. ދިވެހި ނޫސްވެރިކަން ވެސް ވަނީ ނިމުމެއް މިންވަރަށް އޭނާގެ ހަނދާންތަކާ ގުޅިފަ އެވެ.