ހަބަރު

ޒާހިރުގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިއަދު އަސުރު ނަމާދަށްފަހު

ކުޅިވަރާއި ނޫސްވެރިކަމުގެ އިތުރުން ދައުލަތަށްވެސް ގިނަ ދުވަހު ހިދުމަތް ކުރެއްވި، މާފަންނު ފެންފިޔާޒު ގޭ މުހައްމަދު ޒާހިރު ނަސީރުގެ މައްޗަށް ކުރެވޭ ކަށު ނަމާދު، އަސުރު ނަމާދަށް ފަހު ބާއްވަން ނިންމައިފި އެވެ. ކަށު ނަމާދު އޮންނޏީ އިސްލާމީ މަރުކަޒުގައި އަސަރު ނަމާދަށް ފަހު އެެވެ. ޒާހިރު އަވަހާރަ ވުމާއި ގުޅިގެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ވެސް ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވައިފަ އެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެ އާއިލާއަށް ތައުޒިޔާ ދަންނަވައިފަ އެވެ.

ޒާހިރު އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވީ އިރު އޭނާގެ އުމުރުފުޅަކީ 87 އަހަރެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި ޒާހިރު ނަސީރު މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަދި އާންމުންގެ ގިނަ ބަޔަކު ބަލައިގެންފައި ވަނީ ދިވެހި ކުޅިވަރުގެ "ބައްޕައެއް" ގެ ގޮތުގަ އެވެ. ކުޅިވަރާ ބެހޭ ގިނަ އިސް މަގާމުތަކެއް އެބޭފުޅާ ފުރުއްވައިފަ އެވެ.

ކުޅިވަރުގެ އިތުރުން އެބޭފުޅާއަކީ ދިވެހި ނޫސްވެރިކަމަށް ކުރެއްވި ހިދުމަތް ވެސް އަގުނުކުރެވޭހާ ބޮޑެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި އިނގިރޭސި ބަހުން ނެރުނު ނޫސް، މޯނިން ސަންގެ ބާނީ އަކީ ވެސް ނަސީރެވެ. އަދި ކުޅިވަރަށް ހާއްސަކޮށް ނޫހެއް ނެރުއްވަން ފެއްޓެވީ ފަރާތަކީ ވެސް ހަމަ އެބޭފުޅާ އެވެ.