ހަބަރު

މިނިސްޓަރު ތޯރިގު އީޔޫގެ ވަފުދާ ބައްދަލުކުރައްވައިފި

ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދާ އެންވާރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އިއްޔެ ބައްދަލުކުރައްވައިފި އެވެ.

މިި ބައްދަލުވުމުގައި ފަރަންސޭސިވިލާތުގެ ޕެރިހުގައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ކޮޕް 21 ކާމިޔާބު ސަމިޓަކަށް ހަދަން ރާއްޖެއިން އިސްނަގައިގެން ކުރި މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އީޔޫގެ ބޭފުޅުންނަށް އޮޅުން ފިލުއްވައި ދެއްވި ކަމަށް އެންވާރަމެންޓު މިނިސްޓްރީން މައުލޫމާތުދެ އެވެ.

ޔޫރަޕިއަން ޔުނިއަނުން ރާއްޖެވަޑައިގެން އުޅުއްވާ ވަފުދުން މިހާރު ގެންދަވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވައި މައުލޫމާތު ހޯއްދަވަމުންނެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓްރީގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.