ދުނިޔެ

ތާލިބާނުގެ އާ ލީޑަރު ކަމަށް މައުލާވީ ހައިބަތުﷲ

ތާލިބާނުގެ އާ ލީޑަރު ކަމަށް މައުލާވީ ހައިބަތުﷲ އަޚުންދްޒާދާ އައްޔަނުކޮށްފި އެވެ. މައުލާވީ ހައިބަތުﷲ އެމަގާމަށް އައްޔަނުކޮށްފައިވަނީ އެޖަމާއަތުގެ ލީޑަރު މުއްލާ އަޚްތަރު މަންސޫރު މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން އެމެރިކާއިން ވައިގެ ހަމަލާއެއްދީ މަރާލުމާ ގުޅިގެންނެވެ.

ތާލިބާނުންވަނީ މުއްލާ އަހްތަރު މަރުވިކަން ފަހުން ކަށާވަރުކޮށްދީފަ އެވެ. މުއްލާ އަހްތަރާއި އޭނާއެކު ހުރި އިތުރު މީހަކު މަރާލީ އަފްގާނާއި ޕާކިސްތާނާ ގުޅޭ ބޯޑަރު ކައިރިން އެމީހުން ދަތުރު ކުރަމުންދިޔަ ވެހިކަލަށް އަމާޒުކޮށްގެން ދިން ހަމަލާއެއްގައި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.

މައުލާވީ ހައިބަތުﷲ އަކީ ތާލިބާނުގެ ޑެޕިއުޓީ ލީޑަރެކެވެ. އަދި އޭނާ އަކީ އިމާމެއްގެ އިތުރުން ތާލިބާނުންގެ ކޯޓުތަކުގެ ކުރީގެ ވެރިޔާ އެވެ.

މުއްލާ އަހްތަރު ތާލިބާނުގެ ލީޑަރު ކަމަށް އިސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ތާލިބާނުންގެ ކުރީގެ ލީޑަރު މުއްލާ މުހައްމަދު 2013 ވަނަ އަހަރު މަރާލި ފަހުން އެ ޖަމާއަތަށް ލީޑަރެއް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މުއްލާ އަހްތަރަށް ދިން މި ހަމަލާއަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ހާއްސަ ހުއްދައެއް ހޯދައިގެން ދިން ހަމަލާއެކެވެ.

މުއްލާ އަހްތަރު ތާލިބާނުގެ ލީޑަރު ކަމަށް އައްޔަނު ކުރި ފަހުން ވަނީ އެޖަމާއަތް އެތައް ގޮތަކުން ކުރިއަރައި އަފްގާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އަދި މުއްލާ އަހްތަރުގެ ވެރިކަމުގައި އަފްގާނުގެ އެންމެ މުހިންމު އެއް ސިޓީވަނީ ތާލިބާނުގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

ތާލިބާނުގެ އިސް ލީޑަރުންތަކެއް މަރާލިކަމަށް ބުނެ މީގެ ކުރިންވެސް އެތައް ފަހަރަކު އެމެރިކާއިން ވަނީ ދޮގު ހަބަރުތަކެއް ފަތުރާފަ އެވެ. ތަލިބާނުގެ ފައުންޑާ މުއްލާ އުމަރު މަރުވިކަންވެސް އެ ޖަމާއަތުން ކަށަވަރުކޮށްދީފައިވަނީ އޭނާ މަރުވިތާ ދެ އަހަރު ފަހުންނެވެ.