ހަބަރު

މާރުކޭޓްގައި ހިންގި މާރާމާރީގައި ޒަހަމްވި މީހާ މަރުވެއްޖެ

May 26, 2016

މާލެ މަސްމާރުކޭޓް ސަރަހައްދުގައި މިދިޔަ މާޗް މަހު ހިންގި މާރާމާރީއެއްގައި ބޮލަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދެމުން ދިޔަ މީހާ މިއަދު މަރުވެއްޖެ އެވެ.

ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މެންދުރު 1:00 އެހާކަން ހާއިރު މަރުވެފައި ވަނީ ސ. ފޭދޫ އުމުރުން 41 އަހަރު އަހްމަދު ރިޔާޒް އެވެ. އޭނާ މަރުވުމާ ހަމަޔަށް ވެސް އޭނާގެ ހާލަތަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. ރިޔާޒް އަށް ބަޔަކު އަނިޔާ ކުރީ، މާރުކޭޓް ގޮޅިއަކުން އޭނާ ވައްކަން ކުރި ކަމަށް ބުނެ، އެތަނުގައި ވިޔަފާރި ކުރަމުން އައި ހަތަރު މީހެކެވެ. ރިޔާޒުގެ ބޮލަށް ގެއްލުން ލިބުނީ އަނިޔާ ކުރުމަށް ފަހު އޭނާ މޫދަށް އެއްލައިފި ވަގުތު ފަޅު ތެރޭގައި އޮތް ދޯންޏެއްގެ އިންޖީނުގެ ބުރަފަތީގައި އޭނާގެ ބޯ ޖެހިގެންނެވެ.

އެ ހާދިސާގެ ސަބަބުން އޭނާގެ ސިކުޑިއަށް ލޭ އެޅުމުގެ އިތުރަށް ތެޅުމުގެ ސަބަބުން ގައިގެ އެކި ތަންތަން ނޫފައި ގަނެ ބިންދައިގެން ވެސް ގޮސްފައިވެ އެވެ.