ހައުސިން މިނިސްޓްރީ

ގެދޮރުވެރިކުރުން ޕްރޮގްރާމުގައި ދޫކުރާ 20 ޕަސަންޓްގެ ލޯނަށް އެދެން ހުޅުވާލައިފި

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން، މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ހާއްސަކޮށްގެން ދޫކުރާ 20 ޕަސަންޓު ލޯނަށް އެދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގެދޮރު އިމާރާތް ކުރަން ދޫކުރާ 20 ޕަސަންޓުގެ އަމިއްލަ ހިއްސާއަށް ދޫކުރެވޭ ލޯނަށް އެދި ހުށަހަޅާ ފޯމު އަންނަ ބުދަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ މިނިސްޓްރީ އިން ލިބެން ހުންނާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ވެސް ލޯނަށް އެދޭ ފޯމު ޑައުންލޯޑު ކުރެވޭނެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ ޖޫން އެކަކުން ފެށިގެން 14 ޖުލައިއާ ހަމައަށް ފޯމު ބަލައިގަންނާނެ ކަމަށެވެ. އަދި އެ ފޯމު ދޫކުރެވޭނީ، ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކޮންމެ ކާޑަކަށް ފޯމެއް ކަމަށެވެ.