ސީސީސީސީ

ސީސީސީސީން ނަސަންދުރަ ތަރައްގީ ކުރަން ފަށައިފި

  • މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީއިން
  • ކުރިން މަސައްކަތް ހަވާލުކުރީ ލަންކާ ކުންފުންޏަކާ
  • ނަސަންދުރަ ހޮޓާ ކުއްޔަށް ދީފައިވަނީ ގެލެކްސީއާ

ނަސަންދުރަ ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް ގެލެކްސީ އެންޓަޕްރައިސަސް އިން އިން ޗައިނާގެ ސީސީސީސީ ކުންފުންޏަކާ ގުޅިގެން ފަށައިފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ނަސަންދުރަ ހުރި ތަނުގައި ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންގެންދަނީ ހުޅުލެ-މާލެ ބްރިޖުގެ މަސައްކަތް ކުރަމުން ގެންދާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮންޕެނީ (ސީސީސީސީ) އިންނެވެ. މި ހޮޓާ ތަރައްގީ ކުރުމުގެ ގޮތުން އެ ކުންފުނިން މިހާރު ދަނީ ހޮޓާ ހަދާ ސަރަހައްދުގެ ބިން ސާފުކޮށް، ބޭރުގައި ފެންސު ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، ނަސަންދުރަ ހުރި ތަނުގައި ހޮޓާ އަޅަން ހަވާލުކޮށްފައިވާ ގެލެކްސީ އެންޓަޕްރައިސަސްއިން އެއްވެސް މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ގެލެކްސީ އެންޓަޕްރައިސަސް އިން ހިންގި، ނަސަންދުރަ ޕެލަސް ހޮޓެލް މެނޭޖުކޮށް ބެލެހެއްޓުމުގެ ގޮތުން އެ ކުންފުންޏާއެކު ސްރީލަންކާގެ "ބްރައުން ހޮޓެލް އެންޑް ރިސޯޓާއެކު" ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ފަހުން ނަސަންދުރަ ޕެލެސް ހޮޓެލް ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ތުހުމަތުކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރަން އެދި މައްސަލަ އެއް ޕީޖީއަށް ފޮނުވާފަ އެވެ.

ރާއްޖޭގައި ހިންގި އެންމެ ޒަމާންވީ އެއް ހޮޓާ ކަމަށްވާ ނަސަންދުރަ ތަރައްގީ ކުރުމުގެ ގޮތުން ސްރީލަންކާގެ ބްރައުން ގްރޫޕުން 9.5 މިލިއަންއަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.

ބްރައުން ގްރޫޕުގެ ސީއީއޯ ތިލަކް ސެލްވިއާ ވިދާޅުވެފައިވާ ގޮތުގައި 34 އަހަރުވެފައިވާ ނަސަންދުރަ ޕެލަސް ހޮޓެލް ހުރިތަނުގައި އަޅަނީ ހަތަރު ތަރީގެ ހޮޓެލެއްގެ ގޮތުގައި ކަމަށެވެ. އަދި މި ހޮޓަލުގައި 150 ކޮޓަރި އާއި 100 އެޕާޓްމަންޓް ހުންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.