ޓޫރިޒަމް

ފަތުރުވެރިކަމުގައި ރާއްޖެއާއެކު މަސައްކަތްކުރަން އިންޑިއާ ތައްޔާރު

ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވަން ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާ ސަރުކާރާއެކު ރާއްޖެއިން ސޮއިކޮށްފައިވާ އެއްބަސްވުމަކަށް އިންޑިއާ ސަރުކާރުގެ ކެބިނެޓު މިނިސްޓަރުން ވެސް ތާއީދުކޮށްފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް، ދެގައުމުގެ ގުޅުން އިހުނަށްވުރެ ހަރުދަނާ ކުރުމަށް އިންޑިއާ އާއި ރާއްޖެއިން ވަނީ ވަރަށް ފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ މިދިޔަ އޭޕްރީލް މަހު ރައީސް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމަށްފަހު ކެބިނެޓުން ނެރުނު ބަޔާނެއްގައި ބުނީ، ފަތުރުވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމަކީ ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މުހިއްމު ވަސީލަތެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އިންޑިއާ އާއި ރާއްޖެ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ މައުލޫމާތު ހިއްސާކުރުމާއި، ތަމްރީނު ހިއްސާކުރުމާއި، ދާއިރާގެ މާކެޓިން ފުޅާކުރުމަށް ކުރަންޖެހޭ އެކި މަސައްކަތްތައް ގުޅިގެން ކުރުމަށް ހިމަނާފައިވެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގައި އިންޑިއާއާއި ރާއްޖެ ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވެފައިވާއިރު އިންޑިއާ އަކީ މިހާރުވެސް ހަތަރުވަނަޔަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަނަންނަގައުމެވެ.