ދުނިޔެ

ޑެލިގޭޓުންގެ ތާއީދާ އެކު ޓްރަމްޕަށް ރިއާސީ ޓިކެޓް

May 26, 2016

ވޮޝިންޓަން (26 މެއި) - އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓް ކާމިޔާބުކުރެއްވުމަށް ބޭނުންވާ ޑެލިގޭޓުންގެ އަދަދު މި ރޭހުގެ ކުރީގައި އުޅުއްވަމުން ގެންދެވި އަދި އެންމެފަހުން ރޭހުގައި ދެމިހުންނެވި ހަމައެކަނި ކެންޑިޑޭޓް ކަމުގައިވާ ޑޮނަލްޑް ޓްރަމްޕް މިއަދު ކާމިޔާބުކުރައްވައިފި އެވެ.

ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓް ލިބިވަޑައިގަންނަވަނީ 1،237 ޑެލިގޭޓުންގެ ތާއީދު ހޯއްދަވާ ކެންޑިޑޭޓަކަށެވެ. ޓްރަމްޕް ވަނީ މިހާރު ވެސް 1،238 ޑެލިގޭޓުން ކާމިޔާބުކުރައްވައިފަ އެވެ.

މި އަދަދަކީ ރިޕަބްލިކަން ޕާޓީގެ ރިއާސީ ކެންޑިޑޭޓް ރަސްމީކޮށް ކަނޑައެޅުމަށް ބާއްވާ މަހާސިންތާގެ ސާފު އަޣުލަބިއްޔަތެވެ. އެ މަހާސިންތާގައި ރިޕަބްލިކަން ޕާޓީގެ ޑެލިގޭޓުންގެ ޖުމްލަ އަދަދު 2،472 އަށް އަރަ އެވެ.

މި ރޭހުގައި ޓްރަމްޕް ޑެލިގޭޓުންގެ 1،238 ހަމަކުރެއްވުމަކީ ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓް އެ ބޭފުޅާ އަށް ކަށަވަރުވުމެވެ. ދެން އޮތީ ޖުލައި މަހު ބާއްވާ މަހާސިންތާގައި އެކަން ރަސްމީކޮށް އިއުލާނުކުރުމެވެ. ސަބަބަކީ ޓްރަމްޕްއާ ވާދަކުރި އެހެން ހުރިހާ ކެންޑިޑޭޓުން ވެސް ރޭހުން ވަކިވެ ވަޑައިގެންފައިވާތީ އެވެ.

އެމެރިކާގެ ޕްރައިމަރީ ރޭހުގެ މަރުހަލާ އަކީ މުޅި ދުނިޔޭގައި ވެސް މިގޮތަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ޚަރަދު ބޮޑު ސިޔާސީ ހަރަކާތެވެ. ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެމެރިކާގައި މި ފޯރިއެއް ކުރިއަށް ގޮސް ވަރުގަދަ ދެ ކެންޑިޑޭޓަކު ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީ އިން ރިއާސީ ރޭހަށް ނެރެ އެވެ.

މިގޮތަށް ކެންޑިޑޭޓަކު ކުރިއަށް ނެރުމަށް ބަލާއިރު އާންމު ރައްޔިތުންނަށް ވުރެ ޕާޓީގެ މި ނިންމުމުގައި ބާރުގަދަވަނީ ހާއްސަ މެމްބަރުންގެ އެވެ. އެއީ ޑެލިގޭޓުންނެވެ. އެމީހުންނަކީ އެމެރިކާގެ ސްޓޭޓްތަކުގައި ޕާޓީ ތަމްސީލުކޮށް ވަކިން ހާއްސަކޮށް ރިއާސީ ކެންޑިޑޭޓް ކަނޑައަޅާ މަހާސިންތާގައި ވޯޓް ދިނުމުގެ ބާރު ލިބިފައިވާ ޕާޓީގެ މެމްބަރުންނެވެ.

ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި މަގްބޫލުކަން ބޮޑަށް ޑެލިގޭޓުން ބޭނުން މީހަކު ރޭހުން ކަޓުވައިލެވިދާނެ އެވެ.

ރިޕަބްލިކަން ޕާޓީގެ ޑެލިގޭޓުންނާއި ޑިމޮކްރެޓިކް ޕާޓީގެ ޑެލިގޭޓުންގެ އަދަދު ތަފާތުވެސްވެ އެވެ. އެގޮތުން ޑިމޮކްރޭޓުންގެ ޑެލިގޭޓުންގެ އަދަދު 4،763 އަށް އަރާއިރު ރިއާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ 2،382 ޑެލިގޭޓުން ކާމިޔާބުކުރައްވާ ކެންޑިޑޭޓަކަށެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ރޭހުގެ ކުރީގައި އުޅުއްވަނީ އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން އެވެ.

ނަތީޖާތަކަށް ބަލާއިރު އެމެރިކާގައި ކުރިއަށް އޮތް ރޭހަކީ ޑޮނަލްޑް ޓްރަމްޕާއި ހިލަރީގެ ކުރިމަތިލުމަކަށްވުން ވަރަށް ވެސް ގާތެވެ.