ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖިނާއީ ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާގެ މައްސަލަ ބެލުމަށް ހުޅުމާލޭ ކޯޓުގައި އެކުލަވާލާފައިވާ ބެންޗުގެ ސައްހަ ކަމުގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލަން އުފެއްދި ތިން ފަނޑިޔާރުންގެ ބެންޗުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި، އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ނަޝީދުގެ ފަރާތުންނެވެ. ނަޝީދުގެ ދައުވާގައިވަނީ އެ ބެންޗަކީ ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން އެކުލަވާލި ބެންޗަކަށް ވާތީ އެ ބެންޗު ސައްހަ ނޫން ކަމަށެވެ.
އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ނިންމީ އެ މައްސަލައިގައި ދައުވާލިބޭ ޖޭއެސްސީން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. ޖޭއެސްސީގެ ނުކުތާގައިވަނީ ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި އެ ކޯޓުގެ ލަފާގެ މަތިން ކުރާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ.
އެ ނުކުތާއާ މެދު ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ އެ މައްސަލައަކީ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ހުށަހަޅާފައިވާ މައްސަލައަކަށް ވާއިރު އެ ގަވާއިދުގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކަށް ބެލެނިވެރިކަމުގެ އިހްތިސާސް ލިބެނީ ހަމައެކަނި އެ ކޯޓަކަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުގެ މައްޗަށް ކަމަށެވެ. އަދި ދަށު ކޯޓުތައް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާތަކުގެ މައްޗަށް އެ ގަވާއިދުގެ ދަށުން ބެލެނިވެރިކަމުގެ އިހްތިސާސްގެ ފިޔަވަޅު ނޭޅޭއިރު ނަޝީދުގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިވަނީ ޖޭއެސްސީގެ މައްޗަށް ކަމަށް ނިންމުމުގައިވެ އެވެ.
"މައްސަލަ މި ކޯޓުގައި ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ،" އެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުގައި އޮތުމުން ހުޅުމާލޭ ކޯޓުގައި އޮތް ނަޝީދުގެ ޖިނާއީ ޝަރީއަތް ކުރިއަށް ނުގެންދަން ހައި ކޯޓުން ކުރިން އޮތީ އަމުރު ނެރެފަ އެވެ. ނަމަވެސް މިއަދު އެގޮތަށް ނިންމުމާ އެކު އެ އަމުރު ނިމުމަކަށް އައީ އެވެ.