ޕާކިސްތާން

އަސްކަރިއްޔާއަށް ޕާކިސްތާނުންދޭ 10 މިލިއަން ޑޮލަރު ލޯނު ޖުލައި މަހުގައި

  • ހަތިޔާރާއި މަތިންދާ ބޯޓް ހޯދާނެ
  • މީހުނާއި ތަކެތި އުފުލާ އުޅަނދެއް ހޯދާނެ
  • މީހުން ތަމްރީނު ކޮށްދޭނެ

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކޮށް ބޭނުންވާ ވަސީލަތްތައް ހޯދަން ޕާކިސްތާނުން ދޭ 10 މިލިއަން ޑޮލަރުގެ ލޯނުގައި އަންނަ ޖުލައި މަހު ސޮއި ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ޕާކިސްތާން ޑިފެންސް މިނިސްޓަރުގެ ދައުވަތަކަށް ތިން ދުވަހުގެ މުއްދަތަކަށް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައި އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ. މިނިސްޓަރު މިއަދު ވިދާޅުވީ އެދަތުރުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޕާކިސްތާނުގެ ރައީސްއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބުނު އިރު ރާއްޖެއަށް ބޮޑެތި ކުރިއެރުން ލިބޭނެ ގޮތަށް މަޝްވަރާތައް ކުރެއްވި ކަމަށެވެ.

އެގޮތުން ކުރިން ރައީސް އަބްދުﷲ ޔާމިން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖައްސާފައިވާ 10 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީގައި އަންނަ ޖުލައި މަހު ސޮއި ކުރަން ނިންމުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އަހަރު ތެރޭގައި އެ ކްރެޑިޓް ފެސިލިޓީގެ ބޭނުންކޮށްގެން އަސްކަރީ ހަތިޔާރާއި އަދި މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ތަމްރީނުތަކަށާއި އަދި ސަވައިލަންސްއަށް ބޭނުން ކުރާނެ ދެ މަތިންދާ ބޯޓު ކްރެޑިޓް ފެސިލިޓީ ތެެރެއިން ހޯދުން. އަދި މީހުނާއި ތަކެތި އުފުލައި އިތުރު އުޅަނދެއް ވެސް ގަނެވޭނެ. ޕާކިސްތާނުގެ ފަރާތުން އަޅުގަނޑުމެނަށް ވަރަށް ބޮޑު ޔަގީން ކަމެއް އެރުވި ރާއްޖޭގެ އަސްކަރިއްޔާއަށް މީހުން ތަމްރީން ކުރުމާއި އެނޫންވެސް ހުރިހާ އެހީތެރިަމެއް ފޯރުކޮށްދޭނެ ކަމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ދަތުރުގައި ދެން އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ ރާއްޖޭގެ ކައުންޓާ ޓެރަރިޒަމ ސެންޓަރު ރަނގަޅަށް ގާއިމް ކުރުމަށް ޓަކާއި ޕާކިސްތާނުގެ ތަޖުރިބާކާރުންގެ އެހީ ހޯދަން ކަމަށެވެ.