އާދަމް ޝަރީފު އުމަރު

"ސެކިއުރިޓީ ބްރީޗްގެ ޒިންމާ މަޖިލީހުން ނަގާކަން ނުޖެހޭނެ"

ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދޭން ޖެހޭ ސެކިއުރިޓީ ބްރީޗްވުމުގެ މައްސަލަތަކުގައި މަޖިލީހުން މިހާރު އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭނެ ކަަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މިފަދައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ މައްސަލައިގެ ބަހުސްގެ ތެރެއިން ނެވެ.

އޭނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރު ދިރުއުޅުއްވާ ގެކޮޅަށް މީހަކު ވަނުމުން އޭނާގެ ސެކިއުރިޓީ ބްރީޗް ވެއްޖެކަން ކިތަންމެ ރަނގަޅަށް ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ. އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު ސެކިއުރިޓީ ދޭން ޖެހޭ ފަރާތްތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރަން މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އަދި ގާނޫނަށް ވެސް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ސެކިއުރިޓީ ބްރީޗް ވެގެން މިހާރު ރާއްޖޭގައި ހިނގާ އެއްވެސް ކަމެއްގެ ޒިންމާ މި މަޖިލީހުން އުފުލަން ޖެހޭނެ ކަމަކަށް. މި މަޖިލީހުން އެބަ މަގުފަހިކޮށްދޭ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގައި ތިއްބަވާ ވެރިންނަށް، މިނިސްޓަރުންނަށް މިކަންކަން ކުރުމަށް މަގުފަހި ކޮށްދޭން ކުރަން ޖެހޭ ހުރިހާ ކަމެއް މަޖިލީހުން ކުރާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން." އާދަމް ޝަރީފް ވިދާޅުވި އެވެ.

ދިވެހި ސިފައިންނަކީ ޒިންމާ އަދާ ކުރައްވާނެ ބޭފުޅުންކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ސިފައިންގެ ވެރިން ކުރައްވާ ކޮންމެ އަމުރަކަށް ސިފައިން ތާބާވާނެ ކަމަށެވެ. އަދިގާބިލުކަން ވެސް ހުންނާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވި މައްސަލައަކީ ސީރިއަސް މައްސަލައެއް ކަަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. އަދި އެ މައްސަލަ ހައްލުކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ ތުހުމަތުތައް ވެސް ކުރެއްވި އެވެ.

"އަޅުގަނޑު ހިތަށް އަރާ ވަޒީރުންނަށް ތިއްބަވާ މި ބޭފުޅުންނަށް މިކަންކަން ނުކުރެއްވިގެން މިދަނީ ކޮން ފަރާތަކުން ކޮން އިރުޝާދެއް ދެއްވާތީހޭ. ނުވަތަ ކޮންކަހަލަ ވިސްނުމެއް ގެންގުޅުއްވާތީތޯ؟ މި ހުރިހާ ކަމެއް ނިމިގެންދާއިރު އާހިރުގައި ހުރިހާ ހުތުުރު ނަމެއް ލިބިގެން ދަނީ ދިވެހި އަސްކަރިއްޔާއަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ މިހާރުގެ ސަރުކާރު ސިފަކުރެއްވީ ހަތަރެސްފައި ކަނޑާލައިފައި ހުރި މަސްގަނޑެއް އަދި އެެއްވެސް ނަތީޖާއެއް ނުނުރެވޭ ސަރުކާރެއްގެ ގޮތުގަ އެވެ. އަދި ސަރުކާރުގެ ނާގާބިލްކަން އެހާ ބޮޑަށް ފާޅުވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ވެސް އޭނާ ގޮވާލެއްވި އެވެ.