އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާންގެ ސެކިއުރިޓީ ބްރީޗްވީ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އެ މައްސަލަ މަޖިލީހުން ބަލައިގަތީ 28 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
މައްސަލަ ހުށަހަޅުއްވަމުން ސިރާޖު ވިދާޅުވީ "ހައެއް ފަހެއް" ގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީ ޒަހަމްކޮށްލީ އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވެގެން ކަމަށާއި އަދި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ޕާލަމަންޓް އިންކުއަރީން ވެސް އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އެ ހަމަލާ ދެވެނީ ސަލާމަތީ ހިދުމަތް ދިނުމުގައި ބަލަަން ޖެހޭ މިންވަރަށް ކަންކަން ބަލައިފައި ނުވާތީ ކަމަށެވެ.
ހަަމަ އެހެންމެ އެ ހަަމަލާއަށް ފަސް މަސް ނުވެ އުޅެނިކޮށް އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗެއް ހިނގައި ދިއުމުން ސިރާޖު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންގެ ސެކިއުރިޓީ ބްރީޗް ވެގެން ދިއުމަކީ މުޅި ރައްޔިތުންގެ ސެކިއުރިޓީއާ މެދު ސުވާލު އުފެދޭނެ ކަމެއް، އަދި ބިރުވެރިކަމެއް. އަދި އުއްތަމަ ފަނޑިޔާރުގެ ގެއަށް ވަންނަން މަސައްކަތް ކުރީ މަސްތުވާތަކެތީގެ ޝިކާރައަަކަށް ވެފައިވާ ފަރާތެއް ކަމަށް ބުނެ ކަންކަން ނިންމާލެވޭވަރަަށް ވުރެ ކަންކަން ސީރިއަސްކޮށް ނަގަން ޖެހޭ ވަރަށް ގައުމުގެ ހާލަތު ވަނީ ގޮސްފައި،" ސިރާޖު ވިދާޅުވި އެވެ.
އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްްވީ ގޮތް މަޖިލީހުން ބަލަން ސިރާޖު ހުށަހެޅުއްވި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް ގެކޮޅަށް މިިދިޔަ ބުރާސްފަތި ދުވަހު މީހަކު ވަނީ އެ ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް ސެކިޔުރިޓީ ފޫއަޅުވާލާފަ އެވެ. އެކަމާ ގުޅިގެން ވެރިކަން ކުރާ އެމްޑީޕީ އަދި އިދިކޮޅު ޕީޕީއެމް / ޕީއެންސީން ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެެވެ.
ހޯމް މިނިސްޓަރު އިމްރާން އިއްޔެ މަޖިލީހުގައި ވިދާޅުވީ މުއުތަސިމްގެ ގެކޮޅަށް ވަންނަން އުޅުނީ މަސްތުގައި ޖެހިފައިވާ މީހެއް ކަމަށެވެ.