އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ސެކިއުރިޓީ ބްރީޗްވި ހާދިސާއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އިމްރާނަށް އަމާޒު ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް ގެކޮޅަށް މިިދިޔަ ބުރާސްފަތި ދުވަހު މީހަކު ވަނީ އެ ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް ސެކިޔުރިޓީ ފޫއަޅުވާލާފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާކު ހައްޔަރު ކޮށްފައިވާ އިރު އިއްޔެ އިމްރާން ވިދާޅުވީ ހައްޔަރު ކުރީ މަސްތުވާތަކެތީގެ ޝިކާރަަކަށް ވެފައިވާ މީހެއް ކަމަށެވެ.
މުއުތަސިމްގެ ސެކިއުރިޓީ ބްރީޗްވީ ގޮތުގެ މައްސަލައާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ހާދިސާއަށް ފަހު ދައުލަތުން އަމަލު ކުރަން ޖެހޭ ގޮތަަށް އަމަލުކުރިތަން ނުފެނުނު ކަމަށެވެ.
ހަމަ އެހެންމެ މުއުތަސިމްގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭ ގޮތުން އިއްޔެ މަޖިލީހުގައި އިމްރާން ޖަވާބު ދެއްވީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ދޭހަވާ ގޮތަކަށް އިމްތިޔާޒް ސިފަކުރެއްވި އެވެ.
މުއުތަސިމްގެ ސެކިއުރިޓީގެ ބަލިކަށިކަން ފާހަގަ ކުރެވިފައިވޭތޯ އިއްޔެ އިމްތިޔާޒް އިމްރާންއާ ސުވާލުކުރެއްވި އެވެ. ނަމަވެސް އެ ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ.
" އަޅުގަނޑު ސުވާލެއް ދަންނަވާލިން [ މިނިސްޓަރަށް] . އެހާ ފަސޭހަ ކަމާއެކު އެގެއަށް [އުއްތަމަ ފަނޑިޔާރުގެ] ވަނުމުގެ ޖާގަ މި ލިބުނީ ސެކިއުރިޓީ އެހާ ދަށް ފެންވަރުގައި ވާކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ނުވަތަ ހޯމް މިނިސްޓްރީއަށް ލިބިވަޑައިގެންފައި ވޭތޯ ނުވޭތޯ އަޅުގަނޑު ދަންނަވާލިން. ދެން އެ [ސުވާލުގެ] މިސްރާބު އަނބުރާލެއްވުމަށްޓަކައި [ ވިދާޅުވި] މަސްތުވާކުއްޖަކު ވަދެގެންނޭ މި އުޅެނީ. " އިމްތިޔާޒް ވިދާޅުވި އެވެ.
އިމްރާން އެފަދަ މޭރުމަމުން ޖަވާބު ދެއްވުމުން ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމަށް ވެސް އިމްތިޔާޒް ވިދާަޅުވި އެވެ.
އިމްރާން ދެއްކެވި ވާހަތަކަށް ފާޑުވިދާޅުވި މެމްބަރުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ފޮނަދޫ ދާއިރާަގެ މެމްބަރު މޫސާ ސިރާޖުވެސް ހިމެނިލައްވަ އެވެ. އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ބަލަން މަޖިލީހަށް ހުށަހެޅުއްވީ ވެސް ސިރާޖު އެވެ.
ސިރާޖު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗުވި މައްސަލައިގައި އިމްރާން ދެއްވި ޖަވާބު ބަލައިނުގަނެވޭނެ ކަަމަަށެވެ.
ސިރާޖު އިތުރަށް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިންތާ ފަސްމަސްވާން އުޅެނުކޮށް ކަަމަށާއި އެހެންކަމުން އެ ބާވަތުގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު އެންމެ ބޮޑަށް ކަންބޮޑުވަނީ ޝޭހް އިމްރާން ވަރަށް އާދައިގެ ގޮތަކަށް ވަރަށް ފަސޭހައިން އެއީ ބޮއިގެން އުޅޭ ކުއްޖަކު ކުރި ކަމެކޭ ވިދާޅުވީމަ. އެއަށް ވުރެ ސީރިއަސްކޮށް މިކަހަލަ މައްސަލަ އެބަ ނަގަން ޖެހޭ. ތަނެއް ގޮއްވާލާނެ ކަމަށް ބުނީމަ އެއީ ގޮއްވާލާނެ ކަން ގަބޫލުކުރަން އެބަޖެހޭ." ސިރާޖު ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ ފާޑުކިޔުންވެސް އިމްރާންއަށް މިއަދު އަމާޒުވި އެވެ. އަދި ސެކިއުރިޓީ ބްރީޗްވި މައްސަލަތައް ހައްލުކުރަން އިމްރާން މަސައްކަތް ނުކުރައްވާކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އެހެންކަމުން އިމްރާަން މަގާމުން ދުރުކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހޭ ކަަމަށް ދޭހަވާ ފަދަ މޭރަމުކަން ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރާ ވަޒީރުންނަށް ތިއްބަވާ މި ބޭފުޅުންނަށް މިކަންކަން ނުކުރެއްވިގެން މިދަނީ ކޮން ފަރާތަކުން ކޮން އިރުޝާދެއް ދެއްވާތީހޭ. ނުވަތަ ކޮންކަހަލަ ވިސްނުމެއް ގެންގުޅުއްވާތީތޯ؟ މި ހުރިހާ ކަމެއް ނިމިގެންދާއިރު އާހިރުގައި ހުރިހާ ހުތުުރު ނަމެއް ލިބިގެން ދަނީ ދިވެހި އަސްކަރިއްޔާއަށް،" އާދަމް ވިދާޅުވި އެވެ.