ރައްޔިތުންގެ މަޖިލިސް

ވަޒީރުން ދޮގު ހަދާ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާހެއް ނުވި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި ދެ ގޮތަށް ވާހަކަ ދައްކަވާތީވެ އެ ދެ މިނިސްޓަރުންގެ ތެރެއިން ކޮންމެެވެސް އެއް މިނިސްޓަރަކު އިތުރުފުޅު ހައްދަވަަމުންދާ ކަމަށް ކުރެވިފައިވާ ތުހުމަތުތައް އިތުރުށް ބަލައި ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާހެއް ނުވި އެވެ.

އިތުރުފުޅު ހައްދަވާ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ. ވަޒީރުންގެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ހޫނު ބަހުސެއް މިއަދު ކުރިއަށް ދިޔައިރު އާދަމް ޝަރީފް ހުށަހެޅުއްވީ އެ މައްސަލަ އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވާށެވެ. އަދި އެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތާއިދުކުރެއްވި އެވެ.

މިއަދުގެ ބަހުސްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރައްވާ ބޭފުޅުން ވެސް ވިދާޅުވީ އިތުރުފުޅު ހައްދަވާ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

ނަމަވެސް ބަހުސް ނިންމައި ކޮމިޓީއަށް ފޮނުވަން ވޯޓު ނެގުމުން އެކަމަށް ތާއިދު ކުރެއްވީ އެންމެ ނުވަ މެމްބަރުން ނެވެ. ނުފެންނަކަަމަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ. އެކަމަކު އެ މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ފެންނަކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އިރު ނުފެންނަކަަމަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އަވަސްއަށް ވިދާޅުވީ އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްނުވީ ސަރުކާރުގެ ޕްރެޝަރުތަކެއް މެމްބަރުންނަށް އައިސްގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ފުލުހުންގެ ނިޒާމްގެ ތެރޭގައި ހުންނަ "ލޫޕްހޯލްސް" ނުވަތަ ބާގަނޑުތައް ހޯދައިގެން ގަސްދުގައި ބައެއް ފުލުހުން ގޯސް ހަދާ ކަަމަށް ވިދާޅުވެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ފެންމަތިކުރެއްވީ ބަންޑާރަ ނައިބު ރިއްފަތު އެވެ. ނަމަވެސް ނަމަވެސް އެ ވާހަކަތައް މިނިސްޓަރު އިމްރާން މަޖިލީހުގައި ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށެވެ. އެ މައްސަލަ ހޫނުވެފައިވާ އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވަމުންދާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އާދަމް ޝަރީފް ވެސް މިއަދު މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ބަންޑާރަ ނައިބު ނުވަތަ ހޯމް މިނިސްޓަރު އިތުރުފުޅު ހައްދަވައިފައިވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އެހެންކަމުން ކޮންމެވެސް އެއް ބޭފުޅަކު ގާނޫނުއަސާސީ ގެ 98 ވަނަ މާއްދާއާ ހިލާފު ވެފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީއާ ހިލާފުވި ވަޒީރު ދެނެގަނެ އެ ވަޒީރާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އާދަމް ޝަރީފް ގޮވާލެއްވި އެވެ.