ދުނިޔެ

ބްރެޒިލްގައި 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި 30 މީހަކު ހޯދަނީ

May 27, 2016

ރިއޯ ޑެ ޖެނީރޯ (27 މެއި) - ބްރެޒިލްގެ ރިއޯ ޑެ ޖެނީރޯގައި 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައަކާ ގުޅިގެން 30 މީހަކު ހޯދުމަށް ބްރެޒިލްގެ ފުލުހުން ވަރުގަދަ ހަރަކާތެއް މިއަދު ފަށައިފި އެވެ.

ހައްޔަރުކުރަން އަމުރުނެފައިވާ މީހުންގެ ތެރޭގައި މި އަންހެން ކުއްޖާގެ ލޯބިވެރިޔާ ވެސް ހިމެނެ އެވެ. ބެލެވޭ ގޮތުގައި އަންހެން ކުއްޖާ ވަގަށް ގެންގޮސްފައި ވަނީ އޭނާގެ ލޯބިވެރިޔާގެ ގެއަށް ދިޔަތަނުން މަސްތުކޮށްލައިގެންނެވެ. އެއަށް ފަހު ހޭލެވުނުއިރު އަންހެން ކުއްޖާ އޮތީ އެހެން ގެއެއްގަ އެވެ. ފިރިހެނުންތަކެއް ތިބީ އޭނާ ވަށާލައިގެންނެވެ.

މި އަންހެން ކުއްޖާ ރޭޕްކުރަނިކޮށް ނަގާފައިވާ ވީޑިއޯ އިންޓަނެޓަށް އަޕްލޯޑްކުރި އެކައުންޓް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލައާ އެކު މުޅި ބްރެޒިލް އަށް ޝޮކެއް ލިބިފައިވާއިރު މައްސަލަ އެންމެ ފުރިހަމަ އަށް ތަހުގީގުކުރުމަށް އދ. ގެ އަންހެނުންގެ ހައްގުތަކާ ބެހޭ ޖަމިއްޔާ އިން ވެސް ވަނީ ބްރެޒިލްގެ އިދާރާތަކަށް ގޮވާލައިފަ އެވެ.

ބްރެޒިލްގައި ރޭޕްގެ މައްސަލަ އަކީ ވަރަށް ބޮޑުވެފަައި އޮތް މައްސަލައެކެވެ. އެގައުމުގައި 2014 ވަނަ އަހަރު އެކަނި ވެސް 47، 636 ރޭޕް ކޭސް ރިކޯޑްކުރެވިފައިވެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ބްރެޒިލްގައި ހިންގާ ރޭޕްގެ ޖަރީމާތަކުގެ ތެރެއިން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅެނީ 35 ޕަސެންޓްގެ މައްސަލަތަކެވެ.

ބްރެޒިލްގައި، ރޭޕްގެ ކުށް ސާބިތުވެއްޖެ ނަމަ، ހަ އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އާދެ އެވެ. ކުޑަކުއްޖަކު ރޭޕްކޮށްގެން ކުށް ސާބިތުވެއްޖެ ނަމަ އަށް އަހަރާއި 12 އަހަރުގެ ޖަލު ހުކުމެކެވެ.