ބޭރު ކުޅިވަރު

ރެއާލް އާއި އެތުލެޓިކޯގެ ފައިނަލް މެޗްގެ ކުރިން

May 28, 2016

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރެއަލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް މިރޭ ނުކުންނައިރު މިއީ ހަމައެކަނި ސްޕެއިން ފުޓްބޯޅައިގެ ގަދަ ދެ ބާރުގެ ކުރިމަތިލުމެއް ނޫނެވެ. މިއީ އާދަޔާހިލާފު ނުފޫޒަކާއި ޝަރަފްވެރި ބެޖުތަކެއް ޖަހާފައިވާ ނިކަން ވާދަވެރި ދެ ކޯޗުންގެ ބޮޑު ކުރިމަތިލުމެއް ވެސްމެ އެވެ. ސްޓައިލް އާއި ވާދަވެރިކަމާއި ބަދަލުހިފުމުގެ ފޯރިގަނޑެއްވެސްމެ އެވެ.

ކުރުގޮތަކަށް ބުނަނީ ނަމަ، ރެއަލް މެޑްރިޑާއި އެތުލެޓިކޯގެ މެޗަކީ އޭގައި ހުރިހާ ރަހައެއް އަދި ކުލައެއް ޖެހިފައިވާ މެޗެކެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ ޝަރަފާ ފަހުރާ ގުޅިފައިވާ ރެއަލް އިން އެ ނުކުންނަނީ ޔޫރަޕުގައި އެމީހުންގެ 11 ވަނަ ތަށި އުފުލައިލުމަށެވެ. ވާދަވެރި އަދި ޒާތީ ހަސަދައިން ފުރިފައި އޮތް އެމީހުންގެ އަވަށްޓެރި ކްލަބް، އެތުލެޓިކޯ އެ ނުކުންނަނީ އެމީހުންގެ ފުރަތަމަ ތަށި އުފުލައިލުމުގެ އުއްމީދުގަ އެވެ.

މި ކުރިމަތިލުމަކަށް ނުކުންނައިރު ވަރަށް ގިނަ ގޮތްގޮތުން ކުރި ލިބެނީ ސްޕެއިންގެ މުއްސަނދި ކުލަބަށެވެ. ރެއަލް މެޑްރިޑުން މި ސީޒަނުގައި 110 ގޯލު ޖަހާފައިވާއިރު އެތުލެޓިކޯ އަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ 63 ގޯލެވެ. އެކަމަކު މި ކުރިމަތިލުމަށް ނުކުންނައިރު ރެއަލް އިން އެމީހުންގެ ވާދަވެރިޔާއާ މެދު ޖެހިލުންވާން ޖެހޭ ސަބަބެއް އެބައޮތެވެ.

ރެއަލް މެޑްރިޑް ކޮޅަށް މި ސީޒަނުގައި 34 ގޯލު ވަދެފައިވާއިރު އެތުލެޓިކޯ ކޮޅަށް ވަން ގޯލުގެ އަދަދަކީ އެންމެ 18 އެވެ.

ހަގީގަތަކީ މި ދެ ޓީމުގައި ވަރަށް ވެސް ބޮޑު ތަފާތުތަކެއް ހުރި ކަމެވެ. ލިބިފައިވާ ކާމިޔާބީ އިން ފެށިގެން ދެ ޓީމަށް ލިބިފައިވާ ކުޅުންތެރިންގެ ހުނަރަށް ބެއްޔަސް އެ ތަފާތު އެބަފެނެ އެވެ. ރެއަލް މެޑްރިޑަކީ ސުޕަސްޓާރުންގެ ޓީމެކެވެ. އެކަމަކު އެކަތިގަނޑަކަށް ނުވެވިފައި އޮތް ސުޕަސްޓާރުންގެ ބައިގަނޑެކޭ ވެސް ބުނެވިދާނެ އެވެ.

އެތުލެޓިކޯގައި އެ ފެންވަރުގެ ސުޕަސްޓާރުންތަކެއް ނެތެވެ. ނަމަވެސް އެމީހުންނަކީ ޓީމެއްގެ ކާމިޔާބީ އާއި ނަމޫނާ ދައްކަން ލާމަސީލެކެވެ. މި ދެ ޓީމުގެ ކުރިމަތިލުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު ދެބަސްވެވެން ނެތް ހަގީގަތަކީ، މި ދެ ޓީމަކީ އެބައެއްގެ އާދަޔާހިލާފުކަމުގެ ވާހަކަ ދައްކައި ނުނިމޭނެ ޓީމުތަކެއް ކަމެވެ.

ޒިދާނަށް އޮތީ ކިހާވަރެއްގެ އިތުބާރެއް!

ޒައިނައްދީން ޒިދާނަކީ ރެއަލް މެޑްރިޑްގެ ލެޖެންޑެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އަށް އެ ޓީމާ އެކު ނުލިބޭ ޝަރަފަކާއި ފަހުރެއް ހަގީގަތުގައި ނެތެވެ. އޭނާ މިހާރު ނުކުމެ އެހުރީ ކޯޗެއްގެ ގޮތުގައި އެ ހުރިހާ ކާމިޔާބީއެއް ތަކުރާރުކުރާށެވެ.

ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ މަސައްކަތަށް ބަލާއިރު ރެއަލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ޒިދާން ދައްކަމުން އަންނަ ޕާފޯމެންސަށް އެންމެން ވެސް އަތްޖަހަން ބޭނުންވެ އެވެ. ފުރަތަމަ ފަހަރަށް ކޯޗެއްގެ ގޮތުގައި ނުކުމެ، ރެއަލް ކަހަލަ ޓީމަކާ ހަވާލުވެގެން، ޗެމްޕިއަން ލީގުގެ ފައިނަލަށް ދަތުރުކުރުމަކީ އެއްގޮތަކަށް ވެސް އާދައިގެ ކަމެއް ނޫނެވެ.

އަނެއްކޮޅުން ސީޒަނުގައި ވިދިވިދިގެން ހޯދި 12 މޮޅާއި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ހޯދި 2-1ގެ ކާމިޔާބީއަކީ ވެސް ޒިދާނަށް މިކަން ކުރެވިދާނެ ކަމަށް ބަޔަކު މީހުން ގަބޫލުކުރާ ސަބަބެކެވެ. އެކަމަކު ޒިދާނަށް ތައުރީފު އޮއްސާއިރު ރެއަލް މެޑްރިޑްގެ ކޯޗުކަމާ އޭނާ ހަވާލުވުމަށް ފަހު ބަލިވި ފުރަތަމަ މެޗުގައި އޭނާގެ ޓީމަށް ކެހިދިނީ ކޮން ބައެއްތޯ ވެސް ބަލައިލަން ޖެހެ އެވެ.

ރެއަލްގެ އަމިއްލަ ދަނޑުގައި އެމީހުން ބަލިކުރީ މިރޭ އެމީހުންނާ ދެކޮޅަށް ސަންސީރޯގައި ނުކުންނަ އެތުލެޓިކޯ މެޑްރިޑެވެ. ޒިދާނުގެ ކޯޗިން ކެރިއަރުގައި ދިން އެންމެ ބޮޑު ޓެސްޓަކީ އެ މެޗެވެ. އެ މެޗަށް ފަހު ޒިދާންގެ ޓެކްޓިކްސް އަށް ބަދަލުތަކެއް ގެނައިކަން ވެސް ފާހަގަކޮށްލެވެ އެވެ.

އެހެންކަމުން މިރޭގެ މެޗަށް ނުކުންނައިރު ވެސް ޒިދާން އެތުލެޓިކޯގެ ކުރިމަތިލުމަށް ވަރަށް ބޮޑަށް ތައްޔާރުވާނެކަމާ މެދަކު ސުވާލެއް ވެސް ނުއުފެދެ އެވެ.

ގޯލު ޖަހާ މެޝިނެއް، އެކަމަކު ރޮނާލްޑޯއާ މެދު ސުވާލު އުފެދިފައި

ކްރިސްޓިއާނޯ ރޮނާލްޑޯގެ މި ސީޒަނަކީ ވެސް އާދަޔާހިލާފު ސީޒަނެކެވެ. މި ސީޒަނުގައި އޭނާ އެ ވަނީ އަނެއްކާވެސް 50 އަށް ވުރެ ގިނަ ގޯލު ޖަހައިފަ އެވެ.

ވަކިން ހާއްސަކޮށް ޗެމްޕިއަންސް ލީގުގެ އޭނާގެ ގޯލްސްކޯރިން ރިކޯޑް ރަނގަޅެވެ. ކުޅުނު 11 މެޗުގައި 16 ގޯލު ޖަހައިދީފައިވާއިރު 17 ގޯލު ޖަހައިގެން ކުރިން އަމިއްލަ އަށް ހަދާފައިވާ ރިކޯޑް މުގުރާލުމުގެ ފުރުސަތު ވެސް އޭނާ އަށް އެބައޮތެވެ.

ނަމަވެސް އެތުލެޓިކޯ މެޑްރިޑަކީ ރޮނާލްޑޯއަކަށް ދޫކުރާ ފެންވަރުގެ ޑިފެންސެއް އޮތް ޓީމެއް ނޫނެވެ. އެންމެފަހުން މި ދެ ޓީމު ކުޅުނު ފަސް މެޗުގައި ވެސް ރޮނާލްޑޯ އަށް ގޯލެއް ޖެހިފައެއް ނެތެވެ. އެހެންކަމުން މިރެއަކީ ވެސް ރޮނާލްޑޯ އަށް ފަސޭހަ ރެއަކަށް ވާނެހެނެއް ހީއެއް ނުވެ އެވެ.

އަނެއްކޮޅުން ރޮނާލްޑޯ އެހާ ފިޓް ނޫން ކަމަށް ވެސް ބުނެވެ އެވެ. މިދިޔަ އެޕްރީލް މަހުން ފެށިގެން އޭނާގެ ފިޓްނެސް 100 ޕަސެންޓަށް ނާރާ ކަމަށްވެ އެވެ.

އެކަމަކު ރޮނާލްޑޯ ނެތަސް، ގެރެތު ބޭލް އާއި ބެންޒެމާގެ އިހްތިޔާރު ވެސް ރެއަލް އަށް އެބައޮތެވެ.

އެތުލެޓިކޯ އޮތީ މި ކާމިޔާބީއަށް ފެންބޮވައިގެންފައި

އަދި ރެއަލް ބަލިކޮށް ބޮވޭ ފެނުން އެމީހުންގެ ކަރުހިއްކުން ނިކަން ރަނގަޅަށް ފިލުވައިލެވޭނެކަން ވެސް ޔަގީނެވެ. މީގެ ދެ އަހަރު ކުރިން ޔޫރަޕްގެ މި ޝަރަފްވެރި ތަށި އުފުލައިލުމަށް އެތުލެޓިކޯ އިން ކުރި މަސައްކަތް ވެސް އެންމެފަހު ވަގުތު ހަރާބުކޮށްލީ ރެއަލް އިންނެވެ.

އެހެންކަމުން އެތުލެޓިކޯ ފެންބޮވައިގަނެފައި އޮތީ ހަމައެކަނި ތަށްޓަކަށް ވެސް ނޫނެވެ. ރެއަލް ބަލިކުރުން ވެގެންދާނީ އަދި މާ ބޮޑު ކާމިޔާބީއަކަށެވެ.

އެތުލެޓިކޯ މެޑްރިޑަށް ޔޫރަޕްގެ މި މައިދާނުގައި ފައިނަލަށް ދެވިފައި ވަނީ ދެ ފަހަރެއްގެ މަތިންނެވެ. މީގެ ދެ އަހަރު ކުރިން ރެއަލް އިން އެމީހުންނަށް ކެހި ދިންއިރު 1974 ވަނަ އަހަރު ބަޔާން މިއުނިކް އަތުން ބަލިވީ ވެސް ހަމަ އެންމެ ފަހު ވަގުތުއެވެ.

މީގެ އިތުރުން ފާހަގަކޮށްލަން ޖެހެނީ އެމީހުންގެ އާދަޔާހިލާފު ކޯޗު، ޑިއޭގޯ ސިމިއޯނީއާ އެކު މިހާތަނަށް މި ޓީމަށް އުފުލާނުލެވި އޮތް ހަމައެކަނި ތައްޓަކީ ވެސް ޔޫރަޕްގެ މި ޝަރަފްކަމެވެ. ސިމިއޯނީއާ އެކު އެތުލެޓިކޯ އިން ވަނީ ޔޫރޮޕާ ލީގާއި ޔޫއެފާ ސުޕަ ކަޕް އަދި ކޮޕަ ޑެލްރޭ އާއި ލަލީގާގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މި ކާމިޔާބީ އާއި ރެއަލް މެޑްރިޑާ ދެކޮޅަށް އެތުލެޓިކޯ އިން ދައްކާފައިވާ ރިކޯޑްތަކަށް ބަލާއިރު މިރޭގެ މެޗު އެމީހުންގެ ކޮޅަށް ބުރަވުމުގެ ފުރުސަތު ވެސް އެބައޮތެވެ. މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް އަތުން ބަލިވި ފަހުން މި ދެ ޓީމު ވަނީ 10 މެޗު ކުޅެފަ އެވެ. އެތުލެޓިކޯ ބަލިވީ އެންމެ މެޗަކުންނެވެ.

ކްލީން ޝީޓް ކިންގްސް!

މިއީ އެތުލެޓިކޯ މެޑްރިޑަށް ހައްގު ޝަރަފެކެވެ. މި ސީޒަނުގައި 38 މެޗުން އެމީހުންގެ ކޮޅަށް ވަދެފައި ވަނީ އެންމެ 18 ގޯލެވެ. މިއީ ލަލީގާގެ ކްލީން ޝީޓް ރިކޯޑާ އެއްވަރުވުމެކެވެ. އެއީ 35 ކްލީން ޝީޓެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ސިމިއޯނީގެ ޓީމާ ދެކޮޅަށް އެ ޓީމުގެ ރިޒާވް، ރެއާލް މެޑްރިޑްގެ ފޯމޭޝަނަށް އަތުރައިގެން މިދިޔަ ހަފުތާ ބަންދުގައި އިންޓާނަލް ޕްރެކްޓިސް މެޗެއް ވެސް ކުޅުވި އެވެ. އެ މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންވީމަ އެތުލެޓިކޯ މެޑްރިޑަށް ވެސް އެމީހުންގެ އަމިއްލަ ޑިފެންސް ފޫއަޅުވައެއް ނުލެވެނީ އެވެ.

ރެއަލް އާއި އެތުލެޓިކޯގެ ކުރިމަތިލުންތަކަށް ބަލާއިރު ވެސް މި ތަފާތު ފާހަގަކޮށްލެވެ އެވެ. ރެއަލްގެ އެއޮތް ވަރުގަދަ އެޓޭކުގެ ކުރިމަތީގައި ވެސް މި ޓީމުގެ ޑިފެންސް ގުޑައެއް ނުލަ އެވެ. އެއް މެޗުން ބަލިވިއިރު މިފަހުން ކުޅުނު ހަތް މެޗުގައި ލަނޑެއް ނުވަދެ އެވެ.

މިހެން ބުންޏަސް އެތުލެޓިކޯ އަދި މޮޅީ ހަމައެކަނި ޑިފެންސްގައެއް ވެސް ނޫނެވެ. އެމީހުންގެ ފޯވާޑް ލައިނާއި މެދުތެރެ ވެސް ވަރަށް ވަރުގަދަ އެވެ. މިއީ ފުލް ޕެކޭޖެކެވެ.

އެހެންވީމަ މިރޭ ފެނިގެންދާނީ އިންޑިވިޖުއަލް ހުނަރުވެރިންތަކަކާއި ޓީމެއްގެ ކުރިމަތިލުމެކެވެ. އިންތިޒާރުކޮށްލައްވާށެވެ!!