ސަރުކާރުން މިހާރު ކަންކަން ކުރަމުންދާ ގޮތުން އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިންގާ ޖިނާއީ ޝަރީއަތުގެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗު ސައްހަ ނޫން ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ނިންމުމުންނެވެ.
ހައި ކޯޓުން އެގޮތަށް ނިންމުމާ އެކު ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ދަނީ ފަނޑިޔާރުންނަށް ބިރު ދައްކައި، އެ މީހުންނަށް ނުފޫޒު ފޯރުވަމުން ކަމަށާއި އެހެންވެ އެމަނިކުފާނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ އޭޕްރީލް މަހު އަމަލު ކުރަން ފަށާ އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ދައުލަތުން މަސައްކަތް ކުރަމުން މިދަނީ އާ އުގޫބާތު ގާނޫނުގެ ހިޔާވަހިކަން އަޅުގަނޑަށް ލިބުނަ ނުދިނުމަށް. އޭޕްރީލް މަހުގެ ކުރީގައި އަޅުގަނޑުގެ މައްޗަށް ހުކުމް އިއްވުމަށް އެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ،" ނަޝީދު ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓުގައި އޮތް މައްސަލައިގެ ޝަރީއަތާ ކުރިމަތިލާން ތައްޔާރުތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވި ރާއްޖޭގައި ޝަރީއަތެއް ހިންގާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ޝަރީއަތްތަކަކީ ވަކި އުސޫލެއްގެ މަތިން ހިންގަންޖެހޭ އެއްޗެއް ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުގައި ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައްބާސް ޝަރީފަށް ވެސް ނަޝީދު މިއަދު ވަނީ ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ދަރަންޏެއްގެ މައްސަލައިގައި ފަނޑިޔާރު އައްބާސްގެ ބައްޕަގެ މައްޗަށް މީގެ ދެ ދުވަހެއް ކުރިން ހުކުމެއް އައިސްފައިވާތީ ވަކި ގޮތަކަށް ހުކުމްކުރަން އޭނާއަށް މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި އެ ބޭފުޅާއަށް މިއަދު ހުންނެވީ މަޖުބޫރުވެފައި ސަރުކާރުން އެދޭ ގޮތަށް އެކަން ކުރަން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ބޭ އިންސާފުން މިހާރު ހިންގަމުންދާ ކަންކަމާ ދެކޮޅަށް ރައްޔިތުން އިހްތިޖާޖަށް ނިކުންނަންޖެހޭ ކަމަށާއި ހިތްވަރާ އެކު ބުރަ މަސައްކަތަކަށް މިހާރު ތެދުވާން ޖެހިފައިވާ ކަމަށެވެ. އަދި ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމުމަށް ބައިނަލްއަގްވާމީ ބައެއް ވަކީލުންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.