ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ފައުންޑޭޝަން އަޅަން ބޭނުން ކުރާ ފަހު ޕްލެޓް ފޯމް ބަހައްޓަން ލަސްވަނީ މޫސުން ގޯސްވުމުން ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.
މާލެއާ ހުޅުލެ ދެމެދު އަޅާ ބްރިޖުގެ ފައުންޑޭޝަން މަސައްކަތް ކުރުމަށްޓަކައި ބަހައްޓާ ވަގުތީ ޕްލެޓްފޯމްތަކުގެ މަސައްކަތް މި މަސަތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފައިވާއި ހަތަރު ޕްލެޓްފޯމް މިހާރު ވަނީ ބަހައްޓާ ނިންމާފަ އެވެ. އެހެން ނަމަވެސް ފަހު ޕްލެޓްފޯމް ބެހެއްޓުމުގެ މަސައްކަތް ވަނީ މެދުކެނޑިފައެވެ.
އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު "އަވަސް"އަށް ވިދާޅުވީ ބްރިޖުގެ މަސައްކަތް ހުއްޓިފައި ނުވާ ކަމަށާއި ފްލެޓް ފޯމް ނުބެހެއްޓިގެން އުޅެނީ ކަނޑުގަދަވީމަ ކަމަށެވެ. އަދި ވިދާޅުވީ ޕްލެޓްފޯމް ބެހެއްޓުމުގެ މަސައްކަތް ލަސްވެފައިވީ ނަމަވެސް ވަގުތީ ޓްރެސިލް ބްރިޖުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށެވެ.
ހައުސިން މިނިސްޓްރީ އިން މައުލޫމާތުދޭ ގޮތުގައި ޓްރެސިލް ބްރިޖުގެ 40 ޕަސަންޓު ނިމިފައިވާ އިރު އެ ވަގުތީ ބްރިޖު ޕްލެޓް ފޯމު ތަކާއި ހަމަޔަށް ދެމިގެންދާނެ އެވެ.
ޕްލެޓްފޯމްތަކާއި ޓްރެސިލް ބްރިޖަކީ އަސްލު ބްރިޖުގެ ފައުންޑޭޝަން އަޅަން ޕައިލް ޑްރައިވް ކުރުމާއި އެހެނިހެން މަސައްކަތް ކުރަން އަޅާ ތަނެކެވެ. ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ ބްރިޖު އަޅާ ނިމުމުން ޕްލެޓްފޯމްތައް ނަގާނެ ކަމަށެވެ.
ބްރިޖުގެ މުހިންމު ބައިތައް:
- ދިގުމިނުގައި 1.39 ކިލޯމީޓަރު
- ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް ދެ ކިލޯމީޓަރަށް އަރާ
- ފުޅާމިނުގައި 20.3 މީޓަރު
- ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ދެ ލޭން އޮންނާނެ
- ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
- ބައިސްކަލަށް ހާއްސަ ލޭނެއް ވެސް ހަދާނެ
- ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް
- ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު
- ބްރިޖްގެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ ސީސީސީސީ
- މަސައްކަތް ނިމަން ޖެހެނީ 30 މަސް ދުވަހުން
- ބްރިޖް ބޭނުން ކުރަން ފަށާނީ ޖޫން 2018 ގައި