ހަބަރު

ގުރައިދޫގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ބަލަނީ

Feb 9, 2015

ކ.ގުރައިދޫގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފެންމަތިވެ އެކަން ތަހުގީގުކުރަން ފަށައިފި އެވެ.

ސްކޫލްގެ ގްރޭޑް 1 އިން 7 އާ ދެމެދު އެކި ޖިންސުގެ ކުދިންނާ އެކު ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފެންމަތިވުމާ އެކު ފުލުހުންނާއި ޖެންޑާ އިން މިހާރު ވަނީ އެކަން ބަލަން ފަށައިފަ އެވެ.

ކުޑަކުދިންތަކެއް ހިމެނޭ މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅައި އެކަން ބަލަން ފަށާފައިވާކަން ރަށު ކައުންސިލުން ކަށަވަރުކޮށްދިނެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާތީ އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ކައުންސިލުން ނުދެއްކި އެވެ.

ފުލުސް އޮފީހުން ބުނީ ގުރައިދޫ ސްކޫލުން މި މަހުގެ ފަސް ވަނަ ދުވަހު، ކުޑަކުދިންތަކަކާ ގުޅުން ހުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައި ވަނީ ސްކޫލުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ޖިންސީ އަނިޔާ ލިބެމުންދާ ކަމަށް ބުނާ ބައެއް ކުދިން އެ ކުދިން އެކަމަށް ވަނީ އެއްބަސްވެފަ އެވެ. އަދި އެ ކުދިންނާ ބެހޭ އެއް ބަޔަކު ކަމަށާއި އެ ކުދިންގެ މެދުގައި ވެސް ޖިންސީ އަމަލުތައް ހިންގާ ކަމަށް ބުނާ ކަމަށްވެ އެވެ. މިކަމުގައި ގިނަ އަދަދެއްގެ ކުދިން ޝާމިލުވާ ކަމަށް ބެލެވުނަސް އެއީ ކިތައް ކުދިންނެއް ކަމެއް އަދި ނޭނގެ އެވެ.