ދުނިޔެ

ލުފްތަންސާއިން ވެނެޒުއޭލާއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފި

ޖަރުމަނުގެ ލުފްތަންސާ އެއާލައިނުން ވެނެޒުއޭލާއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ. އެއެއާލައިނުން އެގޮތަށް ނިންމީ ވެނެޒުއޭލާގެ އިގްތިސާދީ ހާލަތު މާބޮޑަށް ދަށަށް ދިއުމުން ކަމަށްވެ އެވެ.

ލުފްތަންސާއިން ބުނީ ވެނެޒުއޭލާގައި ކަރަންސީ ކޮންޓްރޯލްކޮށްފައި އޮންނަ ގޮތުން ޑޮލަރަށް ފައިސާ ބަދަލުކުރަންވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. ވެނެޒުއޭލާގެ އިގްތިސާދަށް މިހާބޮޑު ގެއްލުމެއް ލިބިފައިމިވަނީ ތެލުގެ އަގު ކުއްލިއަށް ދަށަށް ދިއުމާ ގުޅިގެންނެވެ. ތެލުގެ ވިޔަފާރިއަކީ ވެނެޒުއޭލާގެ އިގްތިސާދުގެ މައި ތަނބެވެ. އެގައުމަށް ދިމާވެފައިވާ އިގްތިސާދީ ހީނާރުކަމުގެ ސަބަބުން ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ދިނުމަށްވެސް ދަނީ ދަތި ކުރިމަތިވަމުންނެވެ. އަދި ކާބޯތަކެއްޗާއި ބޭސްފަދަ ތަކެތި ހޯދަންވެސް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

"އަހަރުމެންނަށް މަޖުބޫރު އަންނަ ޖޫން މަހުގެ 18 އިން ފެށިގެން ވެނެޒުއޭލާއަށް މިކުރާ ދަތުރުތައް ހުއްޓާލަން" ލުފްތަންސާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ވެނެޒުއޭލާގައި އެންމެ ފުރަތަމަ ފައިސާ ބަދަލުކުރާ މިންވަރު ކޮންޓްރޯލް ކުރަން ފެށީ 2003 ވަނަ އަހަރު ހޫގޯ ޗާވޭޒްގެ ވެރިކަމުގަ އެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ބޭރުގެ ގިނަ އެއާލައިނު ތަކުންވަނީ ވެނެޒުއޭލާއަށް ދަތުރުކުރާ މިންވަރު ކޮންޓްރޯލްކޮށްފަ އެވެ.