ދުނިޔެ

ސީރިއާގެ ސުލްހަޔަށް ކުރި އުންމީދު ފެނަށް، އިސް މަންދޫބު އިސްތިއުފާ ދީފި

ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ މެދު ކަނޑާލައި ސުލްހައިގެ ވާހަކަތަކަށް މަސައްކަތްކުރި ސީރިޔާގެ މައި އިދިކޮޅު ލީޑަރު، އަމްބްރެއްލާ ގުރޫޕްގެ ޗީފް ނެގޯޝިއޭޓާ މުހަންމަދު އަލޫޝް މަގާމުން އިސްތިއުފާ ދީފި އެވެ.

ހައި ނެގޯޝިއޭޝަން ކޮމިޓީ (އެޗްއެންސީ) ގައި ހިމެނޭ އަލޫޝް ވިދާޅުވީ މިހާތަނަށް ދެއްކުނު އެއްވެސް ވާހަކަތަކުން ސިޔާސީ އެއްބަސްވުމަކަށް ނުވަތަ ސިރިޔާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. މިދިޔަ އޭޕްރިލް މަހު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައްވަނީ މާބޮޑު ކުރިއެރުމެއް ނުލިބެނީސް މެދު ކަނޑާލަން ޖެހިފަ އެވެ. މި ވާހަކަތައް އަލުން ފަށާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ސުލްހައިގެ ވާހަކަތައް ދެއްކި ތިން ފަހަރުވެސް އެއްވެސް ވަރަކަށް ކާމިޔާބެއް ނުވޭ. އެއީ ބޯހަރުކަމުންނާއި ގޮތްދޫނުކުރުމުން ވަކި ގޮތަކަށް ނާދެވިގެން،" އަލޫޝް ވިދާޅުވި އެވެ.

ސިރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައަށް ފަސް އަހަރު ވެފައިވާއިރު އެތަނުގައި ހިންގަމުންދާ ދާހިލީ ހަނގުރާމައަށް އެއްވެސް ބަދަލެއް ނާންނައިރު އެތައް ހާސް ބަޔަކުވަނީ މަރުވެފަ އެވެ. އަދި އެތައް މިލިއަން މީހުން އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވެސްވެ އެވެ. އަނެއްކާ ވެސް ސުލްހަޔަށް އޮތް މަގު މި ވަނީ ހަނިވެފަ އެވެ.