ހަބަރު

ހުޅުމާލޭ ކޯޓްގެ ބެންްޗު ޖޭއެސްސީން އެކުލަވާލި މައްސަލަ ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅުއްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިންގާ ޖިނާއީ މައްސަލަ ބަލާ ބެންޗުގެ ސައްހަކަމުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމާ އެކު އެ މައްސަލަ ނަޝީދުގެ ފަރާތުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

 ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަކަމުގެ މައްސަލަ ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުން މިއަދު ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. އެހެންވެ ނަޝީދުގެ ފަރާތުން މިހާރު އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.

މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅީ ނަޝީދުގެ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމުން ބާތިލްކުރަން ކަމަށެވެ. އަފީފް ވިދާޅުވި ގޮތުގައި އެގޮތަށް ބެންޗް ކަނޑައެޅުމުގެ ބާރު ޖޭއެސްސީއަށް ނޯންނާނެ އެވެ. އެހެންވެ އެކަން ބެލޭނެ ކޯޓެއް އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިވިލް ކޯޓަށް މިއަދު މި ހުށަހެޅީ ޖޭއެސްސީގެ އިދާރީ ނިންމުމާ ޗެލެންޖްކޮށް ހުށަހެޅި މައްސަލައެއް،" އަފީފް ވިދާޅުވި އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ބެންޗުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކުރިން އެ ކޯޓުން ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެއާ އިދިކޮޅަށް މައްސަލަ ނިންމީކަން ހިސާން ފާހަގަ ކުރެއްވި އެވެ.

"އެންމެ ފުރަތަމަ އަޑުއެހުމުގައި ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން މި މައްސަލަ ހައި ކޯޓަށް ބެލޭނީ ކީއްވެގެންކަން ބަޔާންކޮށް، ވަރަށް ތަފްސީލްކޮށް ހުށަހަޅަން ފެށީމަ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީއެ ތަފްސީލުތައް ހުށަހަޅާނެ ކަމެއް ނެތޭ. ތިމަންނަމެނަށް ބެލޭނެ ކަމަށް ނިންމާފައި އޮތީމައޭ މި ޝަރީއަތް މި ކުރިއަށް ގެންދަނީ." ހިސާން ވިދާޅުވި އެވެ.

ނަޝީދުގެ ވަކީލުން ވިދާޅުވި ގޮތުގައި ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމަން އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށެވެ.