ހަބަރު

ޓާޓާ ފްލެޓުތަކުގެ ކުއްޔަށް 33،000 ރުފިޔާ ދައްކާކަށް ނުޖެހޭނެ: މުއިއްޒު

May 31, 2016
26

ސޯޝަލް ހައުސިންގެ ދަށުން ގާ ކޮށީގަ އާއި އަރަބިއްޔާ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން ހެދި ފްލެޓްތަކަށް ކުލީގެ ގޮތުގައި 33،000 ރުފިޔާ ދައްކާކަށް ނުޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެ އަދަދު ދައްކަން ޖެހޭ ކަމަށް ބުނެ އާންމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ޓާޓާއިން މާލޭގައި އިމާރާތް ކުރި ފްލެޓްތަކާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ ވެށި ފަހި ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްތައް ދޭނީ މަހުގެ ކުލީގެ ގޮތުގައި 9،000ރ. އާއި 7،000ރ. އާ ދެމެދުގެ އަގެއްގައި ކަމަށެވެ. އެހެން ނަމަވެސް އެފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ފަހުން ވެސް މިހާރު ތިން އަހަރު ފާއިތުވެގެން ދިޔުމާއި، 2010 ވަނަ އަހަރު މަސައްކަތް ފެށި އެ ފްލެޓްތަކުގެ މަސައްކަތް ނުނިމުމުގެ ސަބަބުން، ފްލެޓްތައް ހެދުމަށް ބޭނުންވާ އަގުތައް ބޮޑުވެގެން ގޮސްފައިވާ ކަމަށް މިފަހުން ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިއަދު "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއިއްޒު ވިދާޅުވީ ޓާޓާއިން އިމާރާތްކުރި ފްލެޓުތަކަށް މަހަކު 33،000 ރުފިޔާ ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން ބުނެފައި ވާނީ ދެ މިލިއަން ރުފިޔާގެ ލޯނު ގިނަވެގެން ފަސް އަހަރު ތެރޭގައި ނިންމަން ޖެހޭ ކަމަށާއި އެ ދައްކާނީ އެމީހަކަށް ފަސޭހަވާ ގޮތަކަށް ކަމަށެވެ.

"ސަރުކާރުން ނުބުނެ މަހަކު 33،000 ދައްކާކަށެއް. އެއީ އިދިކޮޅު ފަރާތްތަކުން ހާއްސަކޮށް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ވިސްނާދެމުންދާގޮތް. ސަރުކާރަކުން ނުބުނެ މަހަކު ދައްކަންވީ ވަރެއް އަޅުގަނޑުމެން މިދަންނަވަނީ ދެ މިލިއަން ރުފިޔާއޭ ގިނަވެގެން ފަސް އަހަރޭ މި ލިބެނީ. އެފަރާތެއްގެ އަމިއްލަ ކަމެއް އެ ފަރާތަކަށް ފަސޭހަވާ ގޮތަކަށް އެކަން ކުރުމަކީ. 33،000 ރުފިޔާ އަކީ އެތަނުގެ ކުއްޔެއް ގޮތަށް ކަނޑައަޅާފައެއް ސަރުކާރަކުން ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރުވެރިކަން ސިޔާސަތުގެ ދަށުން މާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން ގާކޮށީގައި އިމާރާތް ކޮށްފައި ވަނީ 198 ހައުސިން ޔުނިޓެވެ. އަދި އަރަބިއްޔާގައި 90 ޔުނިޓެވެ.