ދުނިޔެ

ލޭއަޅައިގެން އިިންޑިއާގައި 2،000 އަށް ވުރެ ގިނަ މީހުންނަށް އެޗްއައިވީ

Jun 1, 2016
1

ލޭއެޅުމުގައި ފަރުވާކުޑަކުރެވިގެންނާއި، ހިފަހައްޓަން ޖެހޭ މިންގަނޑުތަކަށް ސަމާލުކަން ނުދެވި ދޫކޮށްލެވުމުގެ ސަބަބުން ފާއިތުވި 17 މަހުގެ ތެރޭގައި އިންޑިއާގެ އެކި ހޮސްޕިޓަލްތަކުގައި، ބްލަޑް ޓްރާންސްފިއުޝަން ހެއްދި މީހުންގެ ތެރެއިން 2،234 މީހަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ބްލަޑް ޓްރާންސްފިއުޝަންތަކުގައި ފަރުވާކުޑަކޮށްލުމުގެ ސަބަބުން، ޓެސްޓްނުކުރާ ލޭ އެޅިގެން އެޗްއައިވީ އަށް ޕޮޒިޓިވްވެފައިވާ މީހުންގެ މި އަދަދު އިންޑިއާގެ ނެޝެނަލް އެއިޑްސް ކޮންޓްރޯލް އޯގަނައިޒޭޝަނުން ހާމަކޮށްފައި ވަނީ އެގައުމުގެ އިންފޮމޭޝަން އެކްޓިވިސްޓަކު އަމިއްލަ އަށް ހިންގި ކެމްޕޭނަކަށް ފަހު އެވެ.

އެޗްއައިވީ/އެއިޑްސް ޖެހިފައި ތިބި މީހުންގެ އަދަދު އިންޑިއާގައި ދެ މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ.

އާންމުކުރި ހިސާބުތަކަށް ބަލާއިރު، ފަރުވާކުޑަކޮށްލެވިފައިވާ ބްލަޑް ޓްރާންސްފިއުޝަންތަކުގެ ސަބަބުން އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު އެންމެ ގިނައީ އުއްތަރު ޕްރަދޭޝްގަ އެވެ. މި މީހުންނަށް އެޗްއައިވީ ޖެހިފައި ވަނީ އެޗްއައިވީ ޕޮޒިޓިވް ލޭ ހަދިޔާކޮށްފައި ވަނިކޮށް އެ ލޭގެ ތަހުލީލުތައް ނުކޮށް ބޭނުންކުރުމުގެ ސަބަބުންނެވެ.

ގުޖުރާތުގައި މީގެ 292 މައްސަލައެއް އުޅޭއިރު މަހާރަޝްތުރާގައި މިގޮތަށް، އެޗްއައިވީ ލޭ އެޅިގެން 276 މީހަކު އެޗްއައިވީ އަށް ޕޮޒިޓިވްވެފައިވެ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވެސް މި މައްސަލަ ބޮޑެވެ. ރިކޯޑްކުރެވިފައިވާ މައްސަލަތަކުގެ އަދަދު 264 އަށް އަރަ އެވެ.

އިންޑިއާގެ ގާނޫނު ބުނާ ގޮތުން، ހޮސްޕިޓަލްތަކަށް މީހުން ހަދިޔާ ކުރާ ލޭ ބޭނުންކުރުމުގެ ކުރިން، އެޗްއައިވީ އާއި ހެޕަޓައިޓިސް ބީ އަދި ސީ އާއި މެލޭރިއާ އަދި އެހެނިހެން އިންފެކްޝަންސްތަކަށް ޓެސްޓްކުރަން ޖެހެ އެވެ. ނަމަވެސް އިންޑިއާގެ ގިނަ ހޮސްޕިޓަލްތަކުގައި މިފަދަ ތަހުލީލުތަކަށް ބޮޑު ޚަރަދެއްކުރަން ޖެހުމުގެ ސަބަބުންނާއި ޓެސްޓްތައް ކުރެވޭނެ ފުރިހަމަ ނިޒާމުތަކެއް ނެތުމުގެ ސަބަބުން ޓެސްޓްނުކޮށް ހުންނަ ލޭ މީހުންގެ ގަޔަށް އެޅުމަކީ އާންމު ކަމެކެވެ.

މި މައްސަލަ އެންމެ ބޮޑީ އިންޑިއާގެ ޕްރައިވެޓް ހޮސްޕިޓަލްތަކުގަ އެވެ. މިސާލަކަށް އިންޑިއާގެ ވިޔަފާރީގެ މައި ރަށް، މުމްބާއީ އަށް ބެލި ނަމަވެސް، އެޗްއައިވީ އަށް ޓެސްޓްކުރެވޭ ފެންވަރު ހުރީ ޕްރައިވެޓް އެންމެ ތިން ހޮސްޕިޓަލުގަ އެވެ. އަދި ސަރުކާރުގެ ބޮޑެތި ބައެއް ހޮސްޕިޓަލްތަކުގައި ވެސް މި ތަރައްގީ ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. --ބީބީސީ