ދުނިޔެ

ސައޫދީން ތެޔޮ ހުސްވެދާނެތަ؟

Jun 1, 2016
1

ތަޖުރިބާކާރުން ދޭ އިންޒާރަކީ މިއީ އެވެ. ނުވަތަ މިއީ، އެމެރިކާ އިން ކޮންޓްރޯލް އަތުލާފައިވާ ތެލުގެ ބާޒާރު އަލުން މުށު ތެރެއަށް ގެންދިއުމަށް ސައޫދި އަރަބިއްޔާއިން ފަށާފައިވާ ކެމްޕޭނު ހަލަބޮލިކޮށް ހިތްމަރާލުމަށް ހުޅަނގުގެ ތަޖުރިބާކާރުން ދައްކާ ހަގީގަތެއް ނެތް ވާހަކަ އެކެވެ.

އެކަމަކު މި ވާހަކަތަކުގައި، ޝައުގުވެރިކުރުވަނިވި ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެހެންވީމަ އެންމެ ފުރަތަމަަވެސް ތެޔޮ އުފެއްދުމުގައި ސައޫދީގައި ހުރި ފެންވަރަކީ ކޮބައިތޯ ބެލުމަކުން ފަށައިގަންނަމާ ހިނގާށެވެ.

އޯޕެކްގެ ތަހުތުގައި އޮތް ސައޫދީ އިން ދަނީ ބަޒާރަށް ނިކަން ގިނަ އަދަދެއްގެ ފީފާގެ ތެޔޮ އުފައްދައި ނެރެމުންނެވެ. މިއީ ތެލުގެ ބާޒާރުގައި ގެއްލުނު ޝެއާ އެމެރިކާ އަތުން ޖަހައިގަތުމަށް ހިންގާ ވަރުގަދަ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ދަށުން ސައޫދީން ވަނީ އެމީހުން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ ނިސްބަތް 9.5 މިލިއަން ފީފާ އިން 10.2 މިލިއަން ފީފާ އަށް މަތިކޮށްފަ އެވެ.

ދުވާލެއްގެ މައްޗަށް ސައޫދީން 10.2 މިލިއަން ފީފާގެ ތެޔޮ އުފެއްދުމަކީ ގާތްގަނޑަކަށް ރިކޯޑް އަދަދެކެވެ. ސައޫދީގެ ވިސްނުން ހުރީ މި އަދަދު އަދިވެސް މައްޗަށް ޖެއްސުމަށެވެ.

އެގައުމުން ބުނަނީ ދުވާލެއްގެ މައްޗަށް 12.5 މިލިއަން ފީފާގެ ތެޔޮ އުފެއްދުމުގެ ގާބިލުކަން އެމީހުންނަށް ލިބިގެންވާ ކަމަށެވެ. އެކަމަކު މި ދާއިރާ އަށް ނިސްބަތްވާ ދުނިޔޭގެ ތަޖުރިބާކާރުން މި ވާހަކަ ގަބޫލެއް ނުކުރެ އެވެ. ބައެއް ތަޖުރިބާކާރުން ބުނަނީ އެއީ ސައޫދީން ފަތުރާ ޕްރޮޕެގެންޑާއެއް ކަމަށެވެ.

އެހެންވީމަ ތެލުގެ ބާޒާރުގެ ކޮންޓްރޯލް އަތުލުން މިއޮތީ ވަރަށް ވެސް ސިޔާސީވެފަ އެވެ.

އެކަމަކު ކޮންމެއަކަސް ސައޫދީން އެބުނާ ފެންވަރުގައި އެގައުމަށް ތެޔޮ އުފެއްދޭ ކަމުގައި ވަނީ ނަމަ ތެޔޮ ފީފާއެއްގެ އަގު ބާޒާރުގައި 50 ޑޮލަރަށް ތިރިކޮށްލެވިދާނެ އެވެ. އެކަމަކު ސައޫދީގައި މި ގާބިލުކަން މިހާރު ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ސައޫދީގައި އެ ގާބިލުކަން ނެތް ކަމަށް ބުނާ ތަޖުރިބާކާރުން ބުނާ ވާހަކަ އަކީ، އެފަދަ ގާބިލުކަމެއް ސައޫދީ އަށް ލިބިފައިވާ ނަމަ އޭގެ ބޭނުން އެމީހުން ނުކުރަންވީ ސަބަބެއް މިހާރު ނެތް ކަމަށެވެ. ވަކިން ހާއްސަކޮށް ލީބިއާގެ ތެލުގެ މާކެޓް ގެއްލިފައިވުމާއި އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަލާއިރު ސައޫދީން ހަގީގަތުގައި ތެޔޮ އުފައްދާ މިންވަރު އިތުރުނުކުރަންވީ ސަބަބެއް މިހާރަކު ނެތެވެ. ވަކިން ހާއްސަކޮށް ބާޒާރުގެ ފުރިހަމަ ކޮންޓްރޯލް އަތުލަން ބޭނުން ނަމަ ތެޔޮ އުފައްދާ މިންވަރު ރިކޯޑް މައްޗަށް ޖައްސަންވީ އެވެ.

ސައޫދީ އަށް ކުރިމަތިވެފައިވާ އަނެއް ބޮޑު މައްސަލަ އަކީ ތެޔޮވަޅުތައް "މުސްކުޅި" ވުމުގެ މައްސަލަ އެވެ. ވަރަށް ގިނަ ތެޔޮވަޅުތަކަކީ އެގޮތުގައި ތެޔޮނަގާތާ އެތައް ޒަމާނެއްވެފައިވާ ވަޅުތަކެކެވެ. މިސާލަކަށް ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ތެޔޮވަޅުގެ ވާދީކަމުގައިވާ، ސައޫދީގެ ގަވާރުގެ ތެޔޮވަޅުތަކުން ތެޔޮ އުފައްދާތާ މިހާރު 60 އެތައް އަހަރެއްވީ އެވެ.

އެއީ 75 ބިލިއަން ފީފާގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ބިމެކެވެ.

މި ތެޔޮވަޅުތަކުން ތެޔޮނަގާތާ ޒަމާންތަކެއް ވެފައިވުމުން މިފަދަ ގިނަ ތެޔޮވަޅުތަކުގެ ޕްރޮޑަކްޝަން ލެވެލް މިހާރު އެހާ ރަނގަޅު ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެހެންވީމަ، މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމަކަށް އެބަވޭ ހެއްޔެވެ؟

--ސީއެންއެން