ވިޔަފާރި

ރެކޯޑް ނުބަލަހައްޓާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅަނީ

Feb 10, 2015

ރެކޯޑް ނުބަލަހައްޓާ ވިޔަފާރިތަކާއި މެދު އެޕްރީލް އެކަކުން ފެށިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ބުނި ގޮތުގައި ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ވިޔަފާރިތަކުން އެ ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު ހިސާބުކުރެވޭ މިންވަރަށް ރެކޯޑު ބެލެހެއްޓުމަށް ޓެކްސް ނެގުމާ ބެހޭ ގާނޫނޫން ލާޒިމް ކުރާ ކަމަށެވެ.

"ޓެކްސް ދައްކާ ފަރާތްތަކަށް ރެކޯޑު ބެލެހެއްޓުމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން ކުރިއަށް ގެންދާ ކޮމްޕްލެޔަންސް އިންސްޕެކްޝަންތަކުގަޔާއި މީޑިޔާގެ ޒަރިއްޔާ އިން މި އޮތޯރިޓީން މި ދަނީ ކުރިއަށް ގެންދަމުންނެވެ،" މީރާއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރި ބަލަހައްޓާގެ ގޮތުގެ ގައިޑްލައިންތައް މީރާގެ ވެބްސައިޓުގައި އާއްމު ކުރަމުންދާ ކަމަށެވެ.

"ވިޔަފާރީގެ ރެކޯޑުތައް ބަލަހައްޓަމުން ނުދާ ފަރާތްތަކާއި މެދު ޓެކްސް ނެގުމުގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި ޖޫރިމަނާ ކުރަން ފެށުމަށް ހަމަޖެހިފައިވާ ވާހަކަ ޓެކްސް ދައްކާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ،" މީރާއިން ބުނެފައިވެ އެވެ.