ރިޕޯޓް

މިވެސް އަދީބުގެ ޖަރީމާއެއް: ވެރިކަމަށް "ޒަހަރުލާން" ތައްޔާރުވި

ޝަރީއަތްތައް ކުރިއަށް ދިޔަ ވަރަކުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގިނަ ވާހަކަތަކެއް ދަނީ ފަޅާއަރަމުންނެވެ. ނުވަތަ ތުހުމަތުތައް ދަނީ އިތުރުވަމުންނެވެ. ޝަރީއަތުގައި ސާބިތުވެފައިނުވީ ނަމަވެސް އަދީބާ ގުޅުން އޮންނަ އެމްއެންޑީއެފްގެ އޮފިސަރަކު ދީފައިވާ ހެކި ބަހުން އަދީބާ ގުޅޭ އިތުރު ވާހަކަތަކެއް މިވަނީ އެނގިގެން ގޮސްފަ އެވެ.

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލީ އަދީބު ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވާއިރު އެ ގޮއްވާލާފައިވަނީ އަދީބުކަން އަދި ސާބިތުވެފައެއް ނުވެ އެވެ. ނަމަވެސް ތުހުމަތުތައް ވަރަށް ވަރުގަދަ އެވެ. އަދީބާ ދެކޮޅަށް މިއަދު ހެކި ބަސް ދީފައިވާ ސިއްރު ހެކިވެރިޔާއަކީ ބަޑިބޭހުގެ ކަންކަމުގައި އަދީބު އަބަދުވެސް ބައްދަލުކުރާ މީހާ އެވެ. އޭނާއާ އެކި ފަހަރު މަތިން އަދީބު ބައްދަލުކޮށްފައިވާއިރު، އޭނާއަކީ ގޮވާތަކެއްޗާ ބެހޭ ގޮތުން ޗައިނާ، އިންޑިއާ އަދި ޕާކިސްތާނުން ތަމްރީނު ހޯދާފައިވާ މީހެކެވެ.

ނާޒިމްގެ މައްސަލާގެ ތަހުގީގަށް ނުފޫޒު!

ކުރީގެ ނައިބު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުމާ ގުޅިގެން ބަޑި ގުދަނުގެ ހާއްސަ އޮޑިޓެއް ވަނީ ކޮށްފަ އެވެ. ހެކިވެރިޔާ ވެސް މި އޮޑިޓްގައި ބައިވެރުވެފައިވެ އެވެ. އެ އޮޑިޓުން ބަޑި ގުދަނުން ހަތިޔާރު މަދުވިކަމުގެ މައުލޫމާތު ހެކިވެރިޔާއަށް ލިބުނެވެ. ހަތިޔާރު މަދުވި މައްސަލަ ތަހުގީގުކުރުމަށް ހެކިވެރިޔާ މަސައްކަތްކުރުމުން އަދީބުގެ ފަރާތުން އޭނާއަށް ދެފަހަރެއްގެ މަތިން އިންޒާރު ލިބުނު ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާގެ ސައިކަލަށް ގެއްލުންދީ، ސައިކަލް ވަގަށް ނަގާފައިވެސްވެ އެވެ. އޭނާ އަދީބާ ބައްދަލުކުރީ އޭގެ ފަހުންނެވެ.

މޭޑޭގައި އިމްރާން ހައްޔަރުކުރި!

ހެކިވެރިޔާ ބުނާ ގޮތުން މޭޑޭގައި ސިޔާސީ ސްޓަންޓެއް ޖައްސަވަން އަދީބު މަސައްކަތްކުރެއްވި އެވެ. އެކަމާ ހެކިވެރިޔާއާއި އަދީބު ވަނީ ބައްދަލުކޮށްފަ އެވެ. ބައްދަލުކުރީ "ސްޓޮޕް އެންޑް ޝޮޕް" ހުންނަ އިމާރާތުގައި އަދީބު ދިރިއުޅުއްވި އެޕާޓްމެންޓްގަ އެވެ. އެ އަޕާޓްމެންޓުން ހެކިވެރިޔާއަށް ވަނީ ފިސްތޯލައެއް ވެސް ފެނިފަ އެވެ.

މޭޑޭގައި ސިޔާސީ ސްޓަންޓެއް ޖެއްސުމުގެ ގޮތުން އޭރުގެ ސީޕީ ހުސެއިން ވަހީދުގެ ކާރު ގޮއްވާލުމަށް އަދީބު ވަނީ ރާވާފަ އެވެ. ހެކިވެރިޔާ ބުނީ އެގޮތަށެވެ. އެ ކާރު ގޮއްވާލަން ރޭވީ، ޓޯޔާޑްގައި ހުސް ކާރު އޮންނަ ވަގުތެއްގަ އެވެ. ކާރު ގޮއްވާލުމަށް ބޭނުންވާ އައިއީޑީ ހަދައިދޭން ހެކިވެރިޔާ ގާތު އަދީބު އެދުމުން އޭނާ ވަނީ އެކަން ކޮށްދީފަ އެވެ. ފުރާނައަކަށް ގެއްލުން ނުވާނެ ކަމަށް ބުނުމުންނެވެ. ހެކިވެރިޔާ ބުނެފައިވާ ގޮތުގައި ގޮވާޒާތުގެ ތަކެތި ވެސް އަދީބުގެ އަތުގައި ހުއްޓެވެ.

ހެކިވެރިޔާ ބުނީ، އައިއީޑީ އަދީބާ ހަވާލުކުރުމުން، އެ ގޮއްވާލަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރުކުރުމަށް ކަމަށް އަދީބު ވިދާޅުވި ކަމަށެވެ.

މީހުން މަރާލަން ޒަހަރު ހޯއްދެވުން

މިފަހުން ރާއްޖޭގައި ފާހަގަކުރި އެންމެ ކުލަގަދަ މުނާސަބަތުގައި ކަމަށްވާ މިނިވަން 50 އާ ދިމާކޮށް ޒަހަރު ހޯދަން އަދީބު މަސައްކަތްކުރި ކަމަށް ހެކިވެރިޔާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ، މިނިވަން 50 ގައި އަދީބާ ދިމާވި ކަމަށާއި ދިމާވުމުން އެއްސެވީ ޒަހަރު ލިބޭނެ ތަނަކާމެދު ކަމަށެވެ. ޖަވާބަކަށް އޭނާއަށް ނޭނގޭ ކަމަށް ބުނި ކަމަށް ހެކިވެރިޔާ ބުންޏެވެ.

އެއަށްފަހު ދެން އަދީބާ ހެކިވެރިޔާ ބައްދަލުވެފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އަމިއްލައަށް އިންޒާރުދީ ވީޑިއޯއެއް!

ރައީސް އަބްދުﷲ ޔާމިނަށާއި އޭރުގެ ނައިބު ރައީސް އަދީބަށް އިންޒާރުދީ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވެ އެވެ. މޫނު ފޮރުވައިގެން ތިބަ ބަޔަކު އައިއެސް ކަމަށް ބުނެ ރައީސް އާއި ނައިބު ރައީސް އިސްލާހުވުމަށް ވަނީ އަންގާފަ އެވެ. މި މައްސަލާގައި ސަންގް ޓީވީ ބަލާ ފާސްކޮށްފައިވެ އެވެ. ތުހުމަތުކުރެވެނީ އެ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކުރީ ސަންގް ޓީވީ ތެރޭން ކަމަށެވެ.

އިއްޔެ ހެކި ބަސް ދިން ހެކިވެރިޔާ ބުނީ، އެ ވީޑިއޯ ޔޫޓިއުބަށްލީ އަދީބު އަމިއްލައަށް ކަމަށް އަދީބު އޭނާ ގާތު ވިދާޅުވި ކަމަށެވެ. އަދި ވީޑިއޯއާ ގުޅިގެން ސިޔާސީ ސްޓަންޓެއް ޖެއްސެވުމަށް އެއްޗެއް ގޮއްވާލަން އައިއީޑީ ތައްޔާރުކުރުމަށް އަދީބު ވަނީ ހެކިވެރިޔާ ގާތު އެދިފަ އެވެ.

ލޯންޗެއް ގޮއްވާލަން އައިއީޑީއެއް ތައްޔާރުކުރި!

ސިޔާސީ ސްޓަންޓް ޖެއްސުމަށް ތައްޔާރުކޮށްދޭން އެދުނު އައިއީޑީ ހެކިވެރިޔާ ތައްޔާރުކޮށްދިނެވެ. އޭނާ ބުނީ ގޮތުގައި ޑަމީ އެއްޗެއްގެ ގޮތުގައި ފުރަތަމަ އައިއީޑީ ގޮއްވާލާނީ ގަލްފް ކްރާފްޓްގެ ލޯންޗެއްގައި ކަމަށް އަދީބު ވިދާޅުވި އެވެ. އަސްލު އެތި ގޮއްވާލާނީ ފަހުން ކަމަށެވެ. އެ އައިއީޑީ ގޮއްވާލާނެ ތަނެއް އަދީބު ހެކިވެރިޔާ ގާތު ނުބުނެ އެވެ.

ބާރުގަދަ އައިއީޑީއެއް ތައްޔާރުކޮށްދިނުމަށް ހެކިވެރިޔާ އެ އައިއީޑީ ލާފައިވަނީ ލިޔެލާޖަހާފައިވާ މެދު ސައިޒެއްގެ ދަޅަކަށެވެ. އެ ދަޅުން ވަނީ ލިޔެލާ ކަހާލާފަ އެވެ. އެ ދަޅު އަދީބާ ހަވާލުކުރުމުން 27 ވަނަ ދުވަހުގެ ނިޔަލަށް ބައިދަން ޖެހޭ ކަމަށާއި އެހާ ދުވަހަށް ބެޓަރީ ހުންނާނެތޯ އަދީބު ސުވާލު ކުރެއްވި ކަމަށް ހެކިވެރިޔާ ބުންޏެވެ. އެކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ހެކިވެރިޔާ ބުންޏެވެ.

2018 ނޫނީ އޭގެ ކުރިން ވެރިކަމަށް!

މި ބުނާ ހެކިވެރިޔާ ބުނާ ގޮތުން އަދީބު ދިޔައީ ވެރިކަމަށް ވެސް ފައި ވިއްދަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓްގައި ހެކިވެރިޔާއާ ބައްދަލުވިއިރު އެ ވާހަކަތައް އަދީބު ވަނީ ދައްކާފަ އެވެ.

ހެކިވެރިޔާ ބުނީ، އެ އެޕާޓްމެންޓަށް އޭނާ ދިޔައިރު އަދީބު އިންނެވީ މީހަކާ ފޯނުން ވާހަކަ ދައްކަވަން ކަމަށެވެ. ފޯނުން ވާހަކަ ދައްކަވަމުން، "މިނިސްޓަރު ޝައިނީ އުޅެނީ ވައި ޖަހަން" މިހެން ވިދާޅުވި ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި އޭގެ އަނެއް ދުވަހު ރައީސްއަށް މަރުހަބާ ދެންނެވުމަށް ނުދާނެ ކަމަށް ވެސް ވިދާޅުވި ކަމަށް ހެކިވެރިވާ ބުންޏެވެ.

އެ ދުވަހު ހެކިވެރިޔާ ވާހަކަ ދައްކަވަމުން އަދީބު 2018 އަށް ނިކުންނަވާނެ ކަމަށް ވިދާޅުވި ކަމަށް އޭނާ ބުންޏެވެ. އަދި "އޭގެ ކުރިން ވެސް އާދެވިދާނެތާއޭ،" މިހެން އަދީބު ވިދާޅުވި ކަމަށް ހެކިވެރިޔާ ބުންޏެވެ.

މިފަދަ ވާހަކަތައް އަޑުވި މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބީރު ހީވެ، އަދީބަށް ތައްޔާރުކޮށްދިން އައިއީޑީގެ ބާރު ހެކިވެރިޔާ ދަށް ކުރި ކަމަށް އޭނާ ބުންޏެވެ.