އަވަސް ވީކެންޑް

ފާޒިލްގެ ވާހަކައިން ރޮއްވާލާނެ! އެކަމަކު އުފަލުން!

"އަސްލު ވަރަށް ގިނަ މީހުންނަށް އޮޅިފައި އޮންނަ އެއްޗެއް މިއީ، ފާޒިލް އަކީ ބޮޑީ ބިލްޑަރެކޭ. އައި އޭމް ނޮޓް އަ ބޮޑީ ބިލްޑާ. އައި އޭމް އަ ފިޓްނެސް ފްރިކް. ވާހަކަ އަކީ އެސްތެޓިކް ބޮޑީއެއް މެއިންޓެއިންކުރަން މަސައްކަތްކުރާ މީހެކޭ. އަދި ވަރަށް ގިނަ މީހުންނަށް ނޭނގޭ އެއްޗެއް. އައި އޭމް އަ މާޝަލް އާޓްސް ޓައިކްވޮންޑޯ ބްލެކް ބެލްޓް،" ފާޒިލް އިސްމާއިލްގެ ތައާރަފެއް ދިނުމަށް އެދުމުން އޭނާ ދިން ޖަވާބަކީ މިއީ އެވެ.

ދެން ކުރު ހިނިގަނޑަކަށް އޭނާ ބިނދިގެން ދިޔައީ އެވެ. އޭނާގެ ހިނިތުންވުމުގެ އަލި، އިންޓަވިއު އަށް ހަދާފައިވާ ސެޓްގެ އައްޔަށް ވުރެން ވެސް ގަދައޭ ބުނެވިދާނެ އެވެ. މިއީ ވަރަށް ވެސް ޖޯޝާއި ފޯރިން ފުރިފައިވީ ނޯޖަވާނެކެވެ. އޭނާ ގުޑުގުޑެއް ނާޅަ އެވެ. -- ވަކިން ހާއްސަކޮށް ފާޑުކިޔުމަކަށް ގުޑުގުޑެއް ނާޅަ އެވެ.

އެކަމަކު މި ފާޒިލްއެއްގެ އިތުރު ވާހަކައަކަށް ޖެހިލުމުގެ ކުރިން އޭނާގެ ތަންކޮޅެއް ރަނގަޅު ތައާރަފެއް އަޅުގަނޑު ދޭނަމެވެ. އުމުރުން 23 އަހަރުގެ މި ޒުވާނާ އަކީ ސޯޝަލް މީޑިއާގެ ނިކަން ބޮޑު ސެލެބްރިޓީއެކެވެ. އެތައް ބަޔަކު އުފާކޮށް އެތައް ބަޔަކަށް ހިތްވަރު ހޯދައި ދެމުން އަންނަ ގަދަފަދަ ޒުވާނެކެވެ. ވަކިން ހާއްސަކޮށް ފިޓްނެސްގެ ދާއިރާގައި މޯޓިވޭޝަނެއް ބޭނުންވާ ނަމަ ނުވަތަ ނުވާނެއޭ މީހަކު ބުނި ކަމެއް ކުރުމަށް އަޒުމްކަނޑައަޅައިގެން އުޅޭ ނަމަ މިއީ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ކިޔަން ޖެހޭ މީހެއްގެ ވާހަކަ އެވެ.

"އަޅުގަނޑު މަސައްކަތްކުރަނީ އެއާޕޯޓްގެ ވީއައިޕީ ލައުންޖުގައި. ބިޒްނަސް ކްލާސް ލައުންޖުގައި. އެކި އެކި ދާއިރާތަކުގައި އަޅުގަނޑު މަސައްކަތްކުރަން. ކިޔަވަން ބޭރަށް ދިޔައިރު އަޅުގަނޑު ކިޔެވީ ހާޑްވެއާ އިންޖިނިއަރިން. ބެޗްލާސް އިން ހާޑްވެއާ އިންޖިނިއަރިން ނިންމާލާފައި އެނބުރި އައިސް އެކި ތަންތަނުގައި ޖޮބަށް އެޕްލައިކުރީ އޭރު ޖޮބެއް ބޭނުވެފައި ހުރީމަ. އެގޮތުން އެންމެ ފުރަތަމަ ވެސް ގުޅީ އެއާޕޯޓުން،" މިއޮތީ އަނެއްކާވެސް ފާޒިލްގެ އިތުރު ތައާރަފެކެވެ.

ދެން މި އޮތީ އަވަސް ވީކެންޑަށް އޭނާ ދިން ހާއްސަ އިންޓަވިއު އެވެ. އިންޓަވިއުގެ ވީޑިއޯ ސެގްމަންޓް ވެސް ބަލައިލާން ޖެހޭނެ އެވެ. ވަރަށް މުހިންމު ސުވާލުތަކެއްގެ ޖަވާބު ސީދާ ވީޑިއޯ އަށް އެކަނި ހާއްސަކޮށްފައިވާތީ އެވެ.

ފާޒިލް ތި ވަނީ އެންމެންގެ ގަބޫލުކުރުމާއި ފާޑުކިޔުން ވެސް ފުނޑުފުނޑުކޮށް ކުދިކުދިކޮށްފައި. ވަރަށް ވަރަށް ހިކިހިކޮށް ހުރި މީހަކު ތިވަނީ ނިކަން ގަދަފަދަ ޒުވާނަކަށް ބަދަލުވެ، ނުވާނެއޭ މީހުން ބުނި އެތައް ކަމެއް ކާމިޔާބުކޮށްފައި. އަހަރެމެންނަށް ކިޔައިދީބަލަ އެންމެ ފުރަތަމަ ހުރި ގޮތުން ފެށިގެން؟

"ކުރިން ފާޒިލް ހުންނާނީ ވަރަށް ހިކިކޮށް. ސޯޝަލް މީޑިއާގައި މީހުންނަށް ފެނިފައި ހުންނާނީ ވެސް. ދެން އެއް ދުވަހު ހިތަށް އެރީ މިހެނެއް ނުހުންނާނަމޭ އަބަދު. ރިސާޗު ހަދާލައިގެން ދެން ވިސްނީ ޖިމަށް ގޮސް ކުޑަކޮށް ވޯކްއައުޓްކޮށްލައިގެން މަސަލް ގެއިންކޮށްލާނީއޭ"

"އެކަމަކު ފުރަތަމަ ވެސް ލިބުނީ ނެގެޓިވް ފީޑްބެކްސް. ޖިމަށް ދާންށޭ މި އުޅެނީ ބުނީމަ ވެސް، އެންމެ ކައިރީގައި އޭރު އުޅުނު މީހުން ވެސް ޖޯކު ޖެހި. ކީއްކުރަން ދާތަނެއްހޭ، ނުވާނެއޭ ތިކަމެއް ކިޔާފައި. ފާޒިލްއަކަށް ނުވާއެނޭ ކިޔާފައި ވާހަކަ ދެއްކި. ދެން އެނީވޭއިސް، ނެގެޓިވިޓީ އަންނާނެ. އަންނަން ޖެހޭނެ. އެކަމަކު އަޅުގަނޑު ދުވަހަކަވެސް ސަމާލުކަމެއް ނުދެން އެއަކަށް."

"ފާޒިލްގައިގަ 2012ގެ ހިސާބުގުއި ހުންނާނީ 37 ކިލޯ. ދެން އެންމެ ފުރަތަމަ މިގޮތަށް ވޯކްއައުޓްސް ފައްޓައިގެން އުޅުނު ދުވަސްކޮޅު، ގަދައަށް ވޯކްއައުޓްކޮށްލާފައި ގެއަށް ގޮސް އެނދުމަތީގައި ރޯ ދުވަސް ދުވަސް ދޭ. އެއީ ތަދުވެގެން ގޮސް. އަސްލު ވަރަށް ބޮޑު ކަމެއް މިކަމަކީ. އެކަމަކު މީހުންނަށް ހީވަނީ ޖިމަށް ގޮސްލާފަ މިވެނިތަނަކަށް ގޮސްލާފަ އެ ނިމުނީއޭ"

"އެކަމަކު މިއީ ވަރަށް ޑިސިޕްލިންޑް ކަމެއް. ކެއުން ބަހައްޓަން ޖެހޭނީ ރަނގަޅަށް. ނިދަން ޖެހޭނީ ރަނގަޅަށް. ދެން ބޭރު ތެރޭގައި އުޅޭއިރު ވެސް ޑިސިޕްލިންއެއް ހުންނަން ޖެހޭނެ."

އެހެންވީމަ މިއަދު އަހަރެމެންނަށް މި ފެންނަނީ މިއީ ކިހާ ދުވަހެއްގެ މަސައްކަތެއް؟ އަދި އަހަރެމެންނަށް ކިޔައިދީބަލަ ކުރިން ތިހާ ބަލިކަށިކޮށް ހުރި މީހަކު މިގޮތަށް ބަދަލުކޮށްލުމުގެ ޝައުގުވެރިކަން އުފެދުނު ގޮތާއި މި ދާއިރާ އަށް ހާއްސަވި ގޮތް؟

"ޖިމަށް ދާން ފަށައިގެން ދެ ތިން އަހަރު ތެރޭގައި އަޅުގަނޑަށް 13 ކިލޯ އިތުރުވީ. އެއީ ހުއްޓާނުލައި ގޮސްގެން. ހީވެދާނެ ވަރަށް ފަސޭހަކަމެކޭ މިއީ. އެކަމަކު ބައެއް ދުވަސްދުވަހު ހޭލާއިރު ހިތަށް އަރާނެ ދެން ނުވާނެއޭ ވެސް. މިއަދަކު ނުދެވޭނެއޭ ވެސް. އެކަމަކު ހަމަ ހިތްވަރެއް ލާފައި ދަނީ."

"މިހާރު އަޅުގަނޑުގެ ގައިގައި ހުންނަނީ 48 ނުވަތަ 49 ކިލޯ. އެކަމަކު އަދިވެސް އަސްލު ދާން ބޭނުންވާ ހިސާބަކަށް ނުދޭ. އިރާދަކުރެއްވިއްޔާ އައި ވިލް އެޗީވް އިޓް. މިހާތަނަށް ބޭނުންވި ކޮންމެ ވެސް، އަދި އަމުދުން، ނުކުރެވޭނެއޭ ބަޔަކު ބުނެއްޖެއްޔާމު އައި ވިލް ޓްރައި ޓު ޑޫ އިޓް އިނގޭ. ދެޓްސް މައި ވޭއި. ނޯ، ކާންޓް އިޒް ނޮޓް އޭން އާންސާ ފޯ މީ. އައި ވިލް ޑޫ އިޓް."

"އެންމެ ފުރަތަމަ ފިޓްނެސްގެ ތެރެއަށް ވަނީ، ހަނދާންވާ ގޮތުގައި އެއީ ވައިޑީޕީގެ ދަށުން، ގްރޭޑް ވަންގައި ޓޭބަލް ޓެނިސް ކުޅެން ފެއްޓީ. ދެން ޓޭބަލް ޓެނިސް ކުޅެން ފައްޓާފައި ނެޝެނަލް ޖޫނިއާ ޕޫލް އަށް ވެސް އެރި. ވަރަށް ރަނގަޅަށް ދަނިކޮށް އޯލެވެލް ނިންމާލާފައި އެބްރޯޑަށް ކިޔަވަން ދިޔައީ."

"ދެން އޭރު ވެސް ވަރަށް، މައިތިރިނުވާނެ ފާޒިލް. ރައްޓެހި ކުދިން ކިޔާނީ ވެސް ޖެކީ. ތަންތަނަށް އަރައި ފުންމައި ކިކު އެއްޗެހި ޖަހަން އުޅޭތީ. އަބަދުވެސް އެކަހަލަ ގޮތަކަށް އުޅުނީ އޭރު ވެސް."

އެހެންވީމަ މި ޖެކީއެއް އެންމެފަހުން މި ބަދަލުވީ ރާއްޖޭގެ ޖެކީ ޗެންއަކަށްތާ. މާޝަލް އާޓިސްޓަކަށް ވާން ނިންމި ހިސާބުން ކިޔައިދީބަލަ؟

"އޭރު ވެސް އަބަދުވެސް ވަރަށް އިންޓްރެސްޓް ހުރޭ މާޝަލް އާޓްސް އަށް. މިއީ އަޅުގަނޑުގެ ވަރަށް ވަރުގަދަ ޕެޝަންއެއް. ދެން ލަންކާ އަށް ގޮސް ކިޔަވަން އުޅުނުއިރު ދެން ހިތަށް އެރީ ވެއްޖެއޭ މާޝަލް އާޓްސް އެކަޑެމީއެއް ބަލައިލަން ދާން. ވާނުވާ ބަލައިލަން. ދިޔައިރު ކޮންތާކު، ސުބުހާނަﷲ. ފުރަތަމަ ވެސް ބިރުގަތީ ގޮސްފަ."

"ދެން ހިތަށް އެރީ މިކަމެއް ނުވާނެއޭ. އެކަމަކު އެއްކަލަ އިން ބިލްޑް އޭތި އިނީމަ، ނުވާނެ އައީމަ އެކަންވީ މައްސަލައަކަށް. ދެން ހިތަށް އެރީ އައި ވިލް ޓްރައިއޭ. ވިތިން ފޯ އިޔާސް، އައި ވޯޒް އަ މާޝަލް އާޓްސް ޓައިކްވޮންޑޯ ބްލެކްބެލްޓެއް. އެއީ ބިގެސްޓް އެޗީވްމަންޓް ލައިފްގައި މިހާތަނަށް އައި."

"ދެން އެހެންވީމަ އެކަންވެއްޖެއްޔާމު ދެން ކީއްވެ ޖިމް ނުވާންވީ. ދެން މާލެ އައިސް ޖޮބަކަށް ވެސް ދަމުން ޖިމް ޖައްސައިގެން ދެ ތިން އަހަރުން މަޑުމަޑުން ޓާގެޓަށް އެޗީވްވެފައި މިހުރީ ގާތްގަނޑަކަށް. އެކަމަކު މިއީ ވާހަކައަކީ ނޮޓް މައި އެންޑް ޕޮއިންޓް. އައި ކޭން ސީ އިޓް ވެރީ ފާ ފާ އަވޭ. އެ ހިސާބަށް ގޮސްފައި މީހުންނަށް ދައްކާނަން އަދި."

ކޮބައިތަ އެހިސާބަކީ އަނެއްކާ؟ ފާޒިލް ތިޔައީ ވަރަށް ވަރުގަދަ ޑްރީމްސް ހުރި ޒުވާނެއް. އަދި މިހާތަނަށް ކުރަން ބޭނުންވި ކަމެއްވެއްޖެއްޔާމު ކޮށްފައި ހުރީ ވެސް. ކޮބައިތަ މި ދާއިރާގައި ދެން ހާސިލުކުރަން ބޭނުންވާ ހުވަފެނަކީ؟

"އަސްލު އަބަދުވެސް، ހިތުގައި އޮވޭ ތަފާތު ވަޒީފާއެއް އަދާކުރަން. ވަރަށް ބޭނުންވާ ވަޒީފާއެއް. އެކަމަކު ވަރަށް މަޖާ ކަމަކާ ހެދި އެ ވަޒީފާ ނުލިބެނީ. އިސްކޮޅާ ހެދި. އަދި ނުލިބެނީ އެކަމަކު ނުލިބޭނެއެކޭ ނުބުނާނަން. އައި އޯލްވޭއިސް ލަވް ޓު ޖޮއިން ސްޕެޝަލް ފޯސަސް. ވާހަކަ އަކީ އޭރު މާޝަލް އާޓްސް ހެދިއިރު ވެސް ހިތުގައި އޮވޭ އެކަންތައް. ހިތަށް އަރާ ވާނަމޭ، އެކަހަލަ މީހަކަށް."

"ފިލްމެއް ބެލިޔަސް އަބަދު ބެލޭނީ ވެސް އެކަހަލަ ފިލްމުތައް މުޅިންވެސް. ސްވޮޓް މީހުން އަންނަ ފިލްމުތަކާއި ރެސްކިއު އޮޕަރޭޝަންތައް ހިންގާލާ ކަހަލަ ފިލްމުތައް. އެއީ މި ހުންނަ ޝައުގުވެރިކަމަކީ"

އިސްކޮޅުގެ ވާހަކަ އައީމަ ހަމަ އަހާލާހިތްވަނީ ކިހާވަރެއް ހެއްޔޭ ފާޒިލްގެ އިސްކޮޅުގައި ހުންނަނީ؟ އަދި ތިބުނާ ހެން އިސްކޮޅު ވެދާނެހޭ ފާޒިލް އަށް ހުރަހަކަށް؟

"އަޅުގަނޑުގެ އިސްކޮޅުގައި ހުންނަނީ ފަސް ފޫޓް ދެ އިންޗި. ދެން މާލޭގައި އުޅޭ މީހުންނާ ބަލާއިރު އަސްލު ކުރު. ދެން އިސްކޮޅު ވެސް ވީ ޗެލެންޖަކަށް. ކުރުވީމަ ނުވާނެއޭ މިކަމެއް ވެސް. އެކަމަކު މިހާރު ވެސް ފަނަރަ ފޫޓްގެ ފާރެއް ދައްކާ، އައި ވިލް ބީ އޭގެ ނެކްސްޓް ސައިޑްގަ. އެހެންވީމަ ވާހަކަ އަކީ ކުރުވެގެނެއް، ފަލަވެގެނެއް، އެހެންވެގެނެއް މިހެން ވެގެނެއް ނޫނޭ ތިމާގެ ގޯލްސްއަށް ދެވޭނީކީ."

"ކިތަންމެ ބޮޑު ބެރިއާއެއް ކުރިމަތީގައި އޮތަސް، އެއީ ތިމަންނަ މީހާގެ އެޗީވްމަންޓަށް އޮންނަ ބެރިއާއެއް ނޫނޭ. ޔޫ ކޭން އޯވާ ކަމް ދެޓް. ވެދާ ޔޫ އާ ޝޯޓް އޯ ފެޓް އޯ އެނީތިން. ޔޫ ކޭން. ވާނެ."

"މިހާރު ވަރަށް ގިނަ ކުދިން ފެނޭ ހަފުތާއަކަށް ޖިމަށް ގޮސްލާފަ، ދެނެއް ނުފެންނާނެ. މަގުމަތިން ފެނިގެން އަހާލީމަ ބުނާނެ ނަތީޖާއެއް ނުފެނުނޭ ތިމަންނައަކަށް. ރިޒަލްޓްސް ޑަޒަންޓް ކަމް އޯވަނައިޓް. އިޓް ޓޭކްސް ޓައިމް. ޕޭޝަންސް ހުރެއްޖެއްޔާމުވާނެ ހުރިހާ ކަމެއް ވެސް."

ފިޓްނެސްގެ މުހިންމުކަން މި ދިވެހި މުޖުތަމަ އަށް ކިޔައިދީބަލަ؟ ވަކިން ހާއްސަކޮށް މީގެ މުހިންމުކަން ފާޒިލް ކަހަލަ އެހެން ޒުވާނުންނަށް ކިޔައިދީބަލަ؟

"އަސްލު މިކަހަލަ ސޮސައިޓީއަކަށް ފިޓްނެސް ވަރަށް މުހިންމު. ކޮންމެ މީހަކަށް ވެސް ފެންނާނެ، ހޮސްޕިޓަލަށް ވަންނައިރު ވެސް. މިހާރު އަދި ވަރަށް އާންމު ކަމެއް މި މުޖުތަމައުގައި ކިޑްނީ ފެއިލްވުމާއި ހާޓްއެޓޭކު ޖެހުން. މިއީ އާންމުކޮށްވާ ކަންތައްތައް. ވަރަށް ގާތް މީހުންނަށް ވެސް އެބަހުރި އެކަހަލަ ކަންތައްވެފައި. އެކަމަކު ގަވާއިދުން ފިޓްނެސް ރޫޓިންއެއް ގެންގުޅޭ މީހެއް ކަމުގައި ވަނީ ނަމަ، ނުވޭނެއޭ ނޫން، އެކަމަކު ވަރަށް ދުރުވާނެ."

"މީހާގެ ބްލަޑްޕްރެޝާ މެއިންޓެއިންކުރެވި ވަރަށް ބައިވަރު ފައިދާތަކެއް އޭގެ ސަބަބުން އެމީހަކަށް ކުރާނެ. އެކަމަކު ދިވެހިންނަށް ހީވެފައި އޮންނަނީ އެހާ މުހިންމު ކަމެއް ނޫނޭ މިއީ. އަސްލު މި ކަމަކީ ޖަސްޓް ނޮޓް އަ ތިންގް. މިކަމަކީ ވޭ އޮފް ލައިފް. އުޅެން ޖެހޭ ގޮތެއް."

ދެން ހިނގާ އަނެއްކާވެސް ފާޒިލްގެ ރަސްމީ ވަޒީފާއާ ދިމާލަށް ޖެހިލަމާ. ފާޒިލް ވެސް މަޝްހޫރު. އެކަމަކު އަދި ފާޒިލަށް ވުރެ މާ މަޝްހޫރު މީހުން އަހަރެމެންނަށް މި ފެންނަނީ ފާޒިލްގެ ފޭސްބުކް އަދި އިންޓަގްރާމް ޕޯސްޓްތަކުން. ޓެލް އަސް އެބައުޓް އިޓް؟

"ދަ ބެސްޓް ތިން އެބައުޓް މައި ޖޮބް އިޒް، ސެލެބްރިޓީންނާ ދިމާވުން. ވަރަށް ގިނަ މީހުންނަށް ފެންނާނެ ސެލްފީއާ އެއްޗެހި ވެސް ނަގާފައި ހުންނާނެ. އެމީހުންނާ އެގޮތަށް ދިމާވުމަކީ ޖޮބްގައި އުޅެން ލިބޭ ވަރަށް ބޮޑު މޯޓިވޭޝަނެއްކަންވެސް ނޭނގެ. ވަރަށް ސަޅި."

"މިހެން އުޅޭއިރު ވަރަށް ފިޓްނެސް މީހުންނާ ވެސް ދިމާވޭ. ފިޓްނެސް އިންޓަނޭޝަނަލް ސެލެބްރިޓީންނާ ވެސް ދިމާވޭ. ދެން ފާޒިލްގެ ސްޓޯރީ ކުޑަކުޑަކޮށް އެމީހުންނަށް ކިޔާލަ ދިނީމަ އެމީހުން ވަރަށް އިންޓްރެސްޓްވާނެ. އެމީހުންގެ ފުރަތަމަ ސުވާލަކަށްވެސް ވާނީ ރާއްޖެ ކަހަލަ ކުޑަކުޑަ ތަނެއްގައި މިކަހަލަ މީހުން ވެސް އުޅޭހެއްޔޭ. އެމީހުންނަށް އާންމުކޮށް ފެންނަނީ ބީޗު. އެމީހުންނަކަށް ނުފެނޭ މި ޓެލެންޓެއް."

"މި ޓެލެންޓްތަކަށް ބޭރަށް ނުކުންނާނެ ފުރުސަތު ހޯދައިދޭންވީ. އެންމެންނަކީ މާލީ ގޮތުން އެ ތަނަވަސްކަން ލިބިފައިވާ މީހުންނެއް ނޫން. ބަޔަކު މީހުން މި އެންމެން ނެރެދޭންވީ. މޯލްޑިވްސް އިޒް ފުލް އޮފް ޓެލެންޓް."

އެގޮތަށް ދިމާވި އެންމެ ކަމުދިޔަ ސެލެބްރިޓީއަކީ ކޮބައިތަ؟

"ޖޮބްގައި އުޅެނިކޮށް ދިމާވި މަޝްހޫރު މީހުންނަށް ބަލާއިރު، އެންމެ އުފާވި ދުވަހަކީ ޝަކީރާއާ ދިމާވި ދުވަސް. އެހާ ކައިރިން ފެނިފައި ވާހަކަ ދައްކާލާ ސަކަރާތް ޖަހާލެވުނީމަ އެއީ އަޅުގަނޑުގެ ވޯކް ލައިފްގައި އެންމެ އުފާވި އެއް ދުވަސް. ދެން އެންމެ އުފާވި ދުވަހަކީ ޕަމެލާ ރީފްއާ ދިމާވި ދުވަސް. އޭނާ އަކީ ދުނިޔޭގެ ނަމްބަ ވަން ޓޫ ތްރީގައި އުޅޭ ފިޓްނަސް މޮޑެލްއެއް. އޭނަ އަޅުގަނޑު އިންސްޓަގްރާމް އިން ފޮލޯކޮށް ޓެގްކޮށް ހޭޝްޓެގްކުރީމަ، ޝީ މޭޑް މައި ޑޭއި."

ފާޒިލްގެ އެހެން ވާހަކައެއް ދައްކާ ނަމަ، ފޭސްބުކަށް، ސޯޝަލް މީޑިއާ އަށް އާންމުކުރާ ފޮޓޯތަކުގެ ވާހަކަ ހިނގާ ދައްކަމާ. ކޮބައިތަ މީހުންގެ ފަރާތުން ލިބޭ ހިޔާލުތަކަކީ މިގޮތަށް މޮޑެލްކޮށްފަ އާންމުކޮށް ފޮޓޯތައް ދައްކާލީމަ؟

"އެމީހަކު ކުރާނެ ކަމެއް އެނގޭނީ އެމީހަކަށް. އެމީހަކު އަޕްލޯޑްކުރާނެ ފޮޓޯއެއް އެނގޭނީ އެމީހަކަށް."

"ފޭސްޓް ފޭސް ދިމާވެފައި އަދި ނެތް ނެގެޓިވް ކޮމެންޓެއް ދީފައެއް. އެކަމަކު އަޑުއިވޭ. ރައްޓެހިން ވެސް ބުނޭ މިވެނި މީހަކު ބުންޏޭ، މިހެނޭ އެހެނޭ، އެހެނޭ. ބަޓް އޯކޭ. ކޮންމެ އެއްޗެކޭ ވެސް ކިޔަންވީ. އެކަމަކު ވަޓް އައި ޑޫ، ދިސް އިޒް ހާޑް ވޯކް. ބުނާނެ ދޯ މީހުން ފާޒިލް ފޮޓޯ ލަނީ ދެއްކެންށޭ.އާނ. ދައްކަން ލަނީ ފޮޓޯ. ކީއްވެ ނުލާންވީ. މިއީ ހާޑް ވޯކް. ޑެޑިކޭޝަން. ގޭތެރޭގައި އޮވެގެން ވާނެ ކަމެއް ނޫން މިއީކީ. އެހެންވީމަ ބޭސިކަލީ ބޭނުންވާނެ ދައްކާލަން ވެސް. ފޭން ބޭސްއެއް ވެސް އޮވޭ. އެމީހުން ވެސް ބުނާނެ އެކި ވައްތަރުތަކަށް ފޮޓޯ ނަގަން."

މިކަހަލަ ހިތްގައިމު ފޮޓޯތައް ފާޒިލްގެ ފޭސްބުކުން އާންމުވެ ސޯޝަލް މީޑިއާގައި އެނބުރޭއިރު ތިއީ އަންހެން ކުދިންގެ މެދުގައި ނިކަން މަގްބޫލު މޫނެއްކަން ވެސް ފާހަގަކޮށްލެވޭ. މި ދުވަސްވަރު ލޯބިވެރިޔަކު އެބަހުރިތަ ނުވަތަ އަންހެން ކުދިން އެންމެ ބޭނުންވާ ގޮތަށް، ހުސްކޮށްތަ ތިޔަހުރީ؟

"އައި އޭމް ވެރީ މަޗް، ހަންޑްރެޑް ޕަސެންޓް ސިންގަލް. ދެން އަސްލު ޓައިމެއް ވެސް ނުވޭ ޑޭޓް ކުރާކަށް. ވާގޮތަކީ ވޯކްއައުޓަށް ގޮސްފަ ވޯކަށް ގޮސްފަ ޓަޗް ވެސް ގެއްލިފަ ހުންނަނީ މިކަމުގެ. އަންހެން ކުއްޖަކާ ފޭސްބުކުން ވާހަކަ ދައްކާލާފައި ވެސް ހަލޯ ހާއި ޖަހާލާފައި ދެން ހުންނާނީ ސައިވެފައި. ދެން ނޭނގޭނެ ބުނާނެ އެއްޗެސް ވެސް. ސޯ އަދި ސީދާ އެކަމަކަށް ފޯކަސް އެއް ނުކުރަން. އެކަމަކު ޓައިމް ޖެހުނީމަ ފެންނާނެ"

"ޑޭޓްކުރަން ބަލާއިރު ފާޒިލް އަށް ބޭނުންވަނީ ވަރަށް ސިމްޕަލް ކުއްޖަކު. ހީވެދާނެ ފާޒިލްގެ އެކްސްޕެކްޓޭޝަންސް ވަރަށް ބޮޑުވެދާނެއޭ. އެކަމަކު އިންޓެލިޖެންޓްވުން އެއީ ވަރަށް މުހިންމު ސިފައެއް."

  • ފޮޓޯގްރާފަރު: ފަންކޯގްރެފިކް
  • މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
  • ވޯޑްރޯބް: ޗެޕްސް ރިޒާވްޑް
  • ވީޑިއޯ އެންޑް އެޑިޓިން: ޝުއާރު / އަޒާން