ރިޕޯޓް

ބަދަލަށް ބަދަލު ހިފަން ނިކުތް ދެ ކުދިން ލެއިން ކަޅިވެ ނިމިއްޖެ!

  • މައްސަލަ ހޫނުވީ ލޯބިވެރިއެއްގެ މައްސަލައިގައި
  • ވަޅި ޖެހުމުގެ ކުރިން ވެސް ދެ ގްރޫޕުން ތަޅައިގެން
  • މާރާމާރީ ހިންގުމުގައި އުޅުނީ 10 އަހަރުން ދަށުގެ ކުދިން

މާރަމާރީތައް ހުއްޓި ގޭންގުތައް "ސައިޒު"ވީ ކަމަށް ހީކޮށްގެން ތިއްބައި، އިއްޔެ ރޭ މުޅި ރާއްޖެ ސިއްސުވާލާ، ބިރުވެރި ކަމަކަށް ވައްޓާލީ، ދެ ކުޑަ ކުއްޖެއް ގަޔަށް ވަޅި ޖަހައި މަރާލުމާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ އެވެ. ދެން މަރުވީ ކ. މާލެ، މ. ސަރުމާގެ، ފާތިރު މުހައްމަދެވެ. މިއީ އުމުރުން 14 އަހަރުގެ ދެ ކުދިންނެވެ. ދެ ކުދިންގެ މަރުވެސް ހިނގީ ވަރަށް ގާތްގާތުގަ އެވެ. ސުވާލަކީ މިއީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ ދެ ކުދިންގެ މަރުގެ ފަހަތުގައި ވަނީ ބަދަލަށް ބަދަލު ހިފުންތޯއެވެ؟

ހަގީގަތަކީ އިރުޝާންއާއި ފާތިރަކީ ވެސް މާލޭގައި ފުއްޕާލައިގެން އުޅޭ ދެ ގޭންގަށް ނިސްބަތްވާ ދެމީހުންކަމެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "އަވަސް" އާ ވާހަކަ ދެއްކި ގޭންގް މެމްބަރަކު ބުނި ގޮތުގައި އިރުޝާމާއި ފާތިރު ދެމެދު ބޮޑު ލޭއޮހޮރުވުމެއް ހިނގީ ލޯބިވެރިޔެއްގެ ސަބަބުންނެވެ. އަދި މި ކުރިމަތިލުމެއްގައި ގިނައީ 18 އަހަރުން ދަށުގެ ކުދިން ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން ރޭ ބުނީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ފެށުނީ، އިއްޔެ ހަވީރު 5:45 އެހާކަން ހާއިރު، ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ހުރި ޒުވާނަކަށް ގްރޫޕަކުން ހަމަލާދިނުމާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް ފާތިރު ނިސްބަތްވާ ގޭންގުގައި އުޅޭ މީހަކު "އަވަސް" އަށް ކިޔައި ދިން ގޮތުގައި މައްސަލަ ފެށުނީ އެ ދުވަހު މެންދުރުގެ ވަގުތެއްގައި އިރުޝާންއާ އޭނާގެ ރައްޓެއްސަކު ފާތިރުމެންގެ ގޭންގުގެ މެމްބަރުންތަކަކާ ދިމާކޮށްލައިފ ހަމަ ނުޖެހުން އުފައްދުމުން ކަމަށެވެ. އަދި އެތަނުގައި މާރަމާރީ ހިންގައި މީހެއްގެ ބޯ ފަޅައިލި ކަމަށްވެސް އޭނާ ބުންޏެވެ.

"އެންމެ ފުރަތަމަ މާރަމާރީތައް ފެށުނީ ހަވީރުއެއް ނޫން. އިއްޔެ މެންދުރު އިރުޝާންއާ އޭނަގެ ރައްޓެއްސެއް އަންނަނީ މި ހިސާބަށް [ޝަހީދު އަލީ ހިނގުން ކައިރިއަށް]. އައިސް ތަޅައިފޮޅައި ގަނެ އެކަކުގެ ބޯ ވެސް ފަޅައިލި. އަހަރެން ވީނުވީ ބަލަން އައިއިރު ފުލުހުން އައިސް އެކަން ހުއްޓުވައިފި. އެކަމަކު އަހަރުންގެ ގްރޫޕު މީހުން ހަވީރު ގަޑި ދިޔައީ އިރުޝާންގެ ގޭކައިރިޔަށް. އޭނާ އެތާ ހުއްޓައި ކަރަށް ވަޅި ޖަހައި މަރައިލި. އަދި އެއަށް ފަހު އިރުޝާމް ގަޔަށް ވަޅި ޖެހިކަމުގެ ބަދަލު ހިފަން އިރުޝާން ނިސްބަތްވާ ގޭންގު މީހުން އަހަރުން ހިސާބަށް އައިސް ފާތިރު މަރާލީ،" އޭނާ ކިޔައި ދިނެވެ.

ކޮންމެއަކަސް އިރުޝާންއާ ފާތިހުވެސް ނިމިގެން އެ ދިޔައީ ރަނގަޅަކަށް ނޫނެވެ. 14 އަހަރުގެ ކުއްޖެއްގެ ފަރާތުން އާއިލާވެސް އެފަދަ ކަމެއް އުންމީދު ނުކޮށްފާނެ އެވެ.

މިވަގުތު ކާށިދޫގައި ހުރި އިރުޝާމްގެ ކާފަ މުހައްމަދު އިބްރާހިމް، "އަވަސް"އާ ވާހަކަދައްކަމުން ބުނީ އިރުޝާމް މަރުވުމުގެ ކުރިން އިއްޔެ ހަވީރު ގެއިން ނިކުތީވެސް ވަރަށް ރަނގަޅަށް ހުރެ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ޖެހިގެން އުޅޭ ވާހަކަ ނުބުނާ ކަމަށާއި އެފަދަ ކަމެއް ފާހަގަވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.

"އެއީ ވަރަށް މަޑުމައިތިރި ކޮށް ހުންނަ ކުއްޖެއް. އަހުލާގުވެސް ރަނގަޅު ވާނެ. ވަރަށް ބަސް މަދު ވާނެ. ނަމަވެސް ދެން އެކި ކަހަލަ ރައްޓެހިން އުޅޭކަން އެނގޭ. އޭނާ އެއްވެސް މީހަކައި ދުޝްމަނީ އެއް އޮތްކަމެއް ނޭންގެ އެކަހަލަ ވާހަކައެއްވެސް ނުދައްކައި. ހަމަ ރަނގަޅަށް އުޅެނީ. އިއްޔެ ގެއިން ނިކުމެގެން ދިޔައީވެސް އެންމެނަށް ބާއި ވެސް ކިޔާފަ،" އިބްރާހިމް ބުންޏެވެ.

އިބްރާހިމް ބުނީ އޭނާގެ ކާފަ ދަރި ނިޔާވި އިރު އިރުޝާން ވަނީ ކޯހެއް ހަދަން ކޮލެޖަކަށް ފޯމްވެސް ލާފަ ކަމަށެވެ. އަދި އަންނަ މަހު ކޮލެޖަށް ވެސް ނިކުންނަން ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަން މިހެން އޮއްވައި އިއްޔެ އަނެއްކައި ވެސް ބިރުވެރިކަން އިތުރަށް ބޮޑުވިއެވެ. އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އަނެއްކައި ވެސް ބަޔަކު މީހެއްގެ ގަޔަށް ވަޅި ޖަހައި ޒަހަމްކޮށްލި އެވެ. މިފަހަރު ކަރަށް އަމާޒު ނުވީ ކަން ނަސީބެވެ. އެމީހާ ފަޔަށް ވަޅި ހަރައި އައިޖީއެމްއެޗް އިން ދަނީ ފަރުވާ ދެމުންނެވެ. އަދި އަވަސް އަށް އެނގިފައިވާ ގޮތުގައި އެމީހާ ގަޔަށް ވަޅި ހެރީވެސް އިރުޝާމްއާ ފާތިރުގެ މަރާ ގުޅިގެނެވެ. ބަދަލަށް ބަދަލު ހިފުންތައް ފެށުނީ ހެއްޔެވެ؟ ގޭންގުތައް ކޮންޓްރޯލުން ކެންޑި ފުލުހުންގެ ބާރުތައް ނެތެން ފެށީ ހެއްޔެވެ؟

މާރަމާރިތަކާއި ވަޅިން ހަމަލާ ދިނުމުގެ ކަންތައް ގަނޑު ފެށުމުން ފުލުހުން އިތުރަށް މަގުމަތީ ހަރަކާތްތެރިވާން ފަށައިފި އެވެ. މިފަހަރު ސިފައިންވެސް ނިކުމެއްޖެ އެވެ. ކުޑައެއް ބޮޑެއް ނުބަލައި މަގުމަތިން ހުއްޓުވައި ސުވާލު ކުރެއެވެ. ފުލުހުން މިހާތަނަށް ވަނީ 19 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އެއީ ސީދާ އެ މައްސަލައަށް ކަމެއް ފުލުހުން ޔަގީނެއް ނުކޮށްދެއެވެ. ކޮންމެއަކަސް ކުއްލިއަކަށް އެ ދެކުދިން މަރުވުމާއި އެކު ސިފައިންނާއި ފުލުހުން ނިކުމެ މުޅި މާލެ ބަލަހައްޓަން ފަށާނީ އިތުރު ކޮންކަމަކަށް ހެއްޔެވެ.