ހަބަރު

"ނުކުޅެދުންތެރިންގެ ފްލެޓު ދިނުން އަވަހެއް ނުވާނެ"

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓު ދިނުމުގެ ކަންތައް އަވަސް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލުން ބުނެފި އެވެ. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފްލެޓު ދިނުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ބުނެފައި ވަނިކޮށް އާންމު ފަރާތަކުން ވަނީ އެކަމާބެހޭ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ. އެއާ ގުޅިގެން މިހާތަނަށް ވެސް އެފަރާތްތަކަށް ފްލެޓުތައް ދިނުމުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

ޖެންޑާ މިނިސްޓްރީ ގައި ނޫސްވެރިންނާއި މިއަދު ބައްދަލުކުރައްވަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ ފްލެޓުތަކުގެ މައްސަލާގައި އަލުން ފޯމްތައް ރިވިއު ކުރުމަށް އޭސީސީ އިން އަންގާފައިވާ ކަމަށާއި އެގޮތުން މިހާރު ވާނީ އެ މައްސަލާގެ ލަފަޔަކަށް ރައީސް އޮފީހަށް ހުށަހަޅާފަ ކަމަށެވެ.

އާތިފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓު ދިނުމުގެ މައްސަލައަކީ އެ ކައުންސިލުން ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ނަމަވެސް ރައީސް އޮފީސް ތެރެއިން އެކަން ކުރައްވާތީ އިތުރަށް އަވަސް ކުރެވޭނެ ގޮތެއް ގޮތެއް ނޯންނާނެ ކަމަށެވެ.

"މުޅި ކައުންސިލްގެ ވެސް ކަންބޮޑުވުން އެބަހުރި ލަސްވެގެން ދިޔުން. ރަނގަޅު ކަމެއް ބޯހިޔާވެރިކަން ފޯރުކޮށްދެއްވާކަން. އެންމެ ފައިނަލް މަރުހަލާއަށް ގޮސްފައި މިއޮތީ އެކަން ހުއްޓިފައި. މި ކައުންސިލުން އަޅުގަނޑުމެން ކުރި ބައްދަލުވުންތަކުގައި ހަމައެކަނި ދެކެވިފައި ހުރި ވާހަކަތަކަކީ އެ ލަސް ވެގެން އަވަސް ކުރެވޭނެ ގޮތްތަކަށް. ނަމަވެސް މިނިސްްޓްރީ އިން އެކަން ރައީސް އޮފީސް ތެރެއިން ކުރައްވާތީ އޭގެ ޒާތުގައި އެކަން އިތުރަށް އަވަސް ކުރެވޭނެ ގޮތެއް ނެތް،" އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފްލެޓު ދިނުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަކަށް ކުރެވޭނީ އެފަރާތްތައް ރަނގަޅަށް ދަރަޖަ ކުރެވިގެންނެވެ. އަދި އެކަމަކީ މިހާތަނަށް ކުރެވިފައި އޮތް ކަމަކަށް ނުވީ ނަމަވެސް އިތުރަށް މަޑުކުރުމުގެ ހިޔާލެއް ސަރުކާރުން ނުގެންގުޅޫއްވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.