ހަބަރު

އިސްލާމީ މަރުކަޒު ބޭރުގައި މާބަލް ޖަހައި ނިންމާލައިފި

އިސްލާމީ މަރުކަޒުގައި 20000 މީހުންނަށް އެއްފަހަރައި ނަމާދު ކުރެވޭ ގޮތައް ހަދައި ބޭރުގައި މާބަލް ޖަހައި ނިންމާލައިފި އެވެ. ހައުސިން މިިނިސްޓްރީއާ އިސްލާމިކް މިނިސްޓްރީ އިން ގުޅިގެން މިއަދު ވަނީ އެސަރަހައްދަށް ގޮސް މާބަލް ޖަހާފައިވާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތްކޮށްފަ އެވެ.

އެސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖާގަ ބޮޑު ކުރުމުގެ ގޮތުން އެ މިނިސްޓްރީ އިން ކުރި މަސައްކަތުގެ ތެރެއިން އެސަރަހައްދުގައި މާބަލް ޖެހުމުގެ މަސައްކަތް ތާވަލު ކުރެވިފައިވާ ގޮތައް ނިންމާލާފައިވާ ކަމަށާއި ފަތިސް ނަމާދުން ފެށިގެން މިސްކިތުގެ ބޭރު ބޭނުން ކުރެވޭނެ ކަމަށެވެ.

"މިއަދު މިވަނީ 4200 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި މާބަލް ޖެހިފަ ވަރަށް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވިގެން ގޮއްސަ. މިއީ ހުރިހާ ރައްޔިތުން ވަރަށް ރަނގަޅަށް ބޭނުން ހިފާނެ ތަނެއް. ކުރިންވެސް ތާަވަލް ކުރިގޮތައް ރޯދަ މަހުގެ ކުރިން މިވަނީ ނިމިފަ އަދި މިރޭ ފަތިސް ނަމާދުން ފެށިގެން މިތަން ބޭނުން ކުރަން ފަށާނެ." މުއިއްޒު ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ ބޭރުގައި މާބްލް ޖަހައި ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެސަރަހައްދުގައި ނަމާދު ކުރާ ފަރާތްތަކަށް ހިޔާވާނެހެން މަސްޖިދުއް ނަބަވީގައި ހުންނަ ކަަހަލަ ކުޑަތަކެއް ޖަހުމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފައެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ އެކަން ރޯދަ މަހަށް ނުކުރެވޭނެ ކަމަށާއި އަންނަ އަހަރު ތެރޭގައި އެ މަސައްކަތް ކުރާނެ ކަމަށެވެ.