އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒުގައި ޓީވީ ހަރުކޮށް ހުތުބާ ކިޔާ މީހާ ހުރިހާ ފަންގިފިލާއަކަށް ފެންނަ ގޮތް ހަދައިފި

އިސްލާމީ މަރުކަޒުގައި ހުތުބާ ކިޔާ މީހާ ފެންނަ ގޮތް ހެދުމަށްޓަކައި މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި ޓީވީތަކެއް ހަރުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި ޓީވީ ހަރުކޮށްފައިވަނީ ދިރާގުގެ އެހީތެރިކަމާ އެކު އެވެ.

މަރުކަޒުގެ ކޮންމެ ފަންގިފިލާއެއްގައި ހަރުކޮށްފައިވަނީ 98 އިންޗީގެ ސްމާޓް ޓީވީ ތަކެކެވެ.

އިސްލާމީ މަރުކަޒުގައި ރޭގެ ވަގުތެއްގައި ޓީވީ ހަރުކޮށް ނިމުމާ ގުޅިގެން މިއަދު މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ކުރިން ކިޔާފައިވާ ހުތުބާ ޓީވީތައް މެދުވެރިކޮށް މަރުކަޒުގެ ހުރިހާ ފަންގިލާފައަކަށް ފެންނަ ގޮތް ހެދި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ބޮޑެތި މިސްކިތްތަކެއްގައިވެސް ޓީވީ ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ޓީވީ ހަރުކޮށްގެން ހުތުބާ ކިޔާ މަންޒަރު ފެންނަ ގޮތް ހެދުމަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރިސާލަތު ފޯރުކޮށްދެވޭނެ އަދި މީހުންގެ ޝައުގުވެރިކަން އިތުރުކުރެވޭނެ ގޮތެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.