ހަބަރު

އަނެއްކާވެސް މިސްކިތެއްގެ ތެރެއަށް ކުޑަކަމުގޮސްފި

އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔަ ހަސަން ޒިޔާދު، 40 އަނެއްކާ ވެސް މިސްކިތެއްގެ ތެރެއަށް ކުޑަކަމުގޮސްފި އެވެ.

ޒިޔާދު މިފަހަރު ކުޑަކަމުދިޔައީ މަޖީދިއްޔާ ސްކޫލު ކައިރީ ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތު ހަރިންމައިގެ ތެރެއަށެވެ. އޭނާ މިސްކިތުގެ ތެރެއަށް ކުޑަކަމު ދިއުމުން އެތަނުގައި ތިބި އާންމުން ވަނީ އޭނާ ހުއްޓުވައި ނަސޭހަތް ދީފަ އެވެ.

ޒިޔާދު ކުޑަކަމު ދިޔަ މައްސަލަ އެންމެ ފުރަތަަމަ ފެންމަތިވީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

ޒިޔާދު އަނެއްކާވެސް ކުޑަކަމު ދިޔައީ އޭނާ ކުރިން ކުޑަކަމު ދިޔަ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައި ބަންދުން ދޫކޮށްލައިފައި ވަނިކޮށެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ޒިޔާދު ދެވަނަ ފަހަރަށް ކުޑަކަމު ދިޔަ މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޒިޔާދުގެ މައްސަލައިގައި ފުލުހުންނާއި ހޯމް މިނިސްޓްރީން މީގެ ކުރިން އެކި ގޮތަށް ވާހަކަ ދައްކާފައި ވެއެވެ. އެގޮތުން ފުލުހުން މީގެ ކުރިން ބުނީ ހަސަން އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޒިޔާދަކީ މަސްތުގައި ޖެހިފައިވާ މީހެއް ކަމަށެވެ.