ދުނިޔެ

އިސްލާމްދީން ގޮވާލަނީ މެދުމިނަށް، ދެކޮޅުހަދަންވީ ހަރުކަށިކަމަށް: ސައޫދީ ރަސްގެފާނު

Jun 7, 2016

ރިޔާޒު (7 ޖޫން) - އިސްލާމް ދީން ގޮވާލަނީ މެދުމިނަށް ކަމަށާއި މުސްލިމުން އެކުވެރިކަން ބަދަހިކޮށް، އެކަތިގަނޑަށްވެ ދީނީ ހަރުކަށި ފިކުރުތަކަށް ދެކޮޅުހެދުމަށް ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އިސްލާމީ އުއްމަތަށް ގޮވާލައްވައިފި އެވެ.

ރަސްގެފާނު މިގޮތަށް ގޮވާލައްވާފައި ވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ފޮނުއްވުމަށް އިއްޔެ އާންމުކުރެއްވި ބަޔާނެއްގަ އެވެ. މި ބަޔާނުގައި ރަސްގެފާނު ސަލްމާން ވަނީ، މުސްލިމުން އެކަތިގަނޑަށް ވުމުގެ މުހިންމު ކަމަށް ވަރަށް ބޮޑަށް އަލިއަޅުއްވައިފަ އެވެ.

ރަސްގެފާނު ވިދާޅުވެފައި ވަނީ އިސްލާމް ދީނަކީ ސުލްހައިގެ ދީނެއް ކަމަށާއި ހަމަނުޖެހުމަށް ފުރުސަތުނެތްއިރު ގޮވާލަނީ މައާފްކުރުމާއި އިންސާނިއްޔަތުކަން ކުރިއަށް ނެރުމަށް ކަމަށެވެ.

"އަޅުގަނޑުގެ ޣުތުންނޭވެ. އިސްލާމް އަކީ މެދުމިނުގެ ދީނެއް. ލޯތްބާއި އަޅާލުމާއި ކުލު ކުރިއަށް ނެރުމަށް ގޮވާލާ ދީނެއް. ސުލްހަޔާއި އިންސާފަށް ގޮވާލަމުން ހަރުކަށި ފިކުރާއި ހަމަނުޖެހުންތަކާ ދެކޮޅަށް އަޑުއުފުލުމަށް ގޮވާލާ ދީނެއް،" ރަސްގެފާނުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"މި ބަރަކާތްތެރި ރަމަޟާން މަހު، އަޅުގަނޑުމެން މުސްލިމުން އެކަތިގަނޑަކަށް ހަދައި، ހަމަނުޖެހުން އުފައްދާ ފަރާތްތައް ބަލިކުރެއްވުމަށް އެދި ދުޢާ ދަންނަވަން."

ހަރުކަށި ފިކުރުތަކާއި އަނިޔާވެރިކަން އިސްލާމުންގެ މައްޗަށް ގަދަވެގެންފައިވާ ކަމަށް ސައޫދީ ރަސްގެފާނު އިޝާރާތްކުރައްވާފައިވާއިރު އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދީނީ އުސޫލުތަކުގައި ހައްދުފަހަނަޅައި ގޮސްފައިވާ ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އެވެ. އިރާގާއި ސީރިއާގައި އަތްގަދަކޮށްފައިވާ މި ޖަމާއަތުގެ ނުރައްކާ ވަނީ ދުނިޔޭގެ ސުލްހަޔަށް ވެސް ކުރިމަތިވެފަ އެވެ.

މުސްލިމުން އެކަތިގަނޑަކަށްވުމަށް ގޮވާލާފައިވާއިރު ސައޫދީ އަކީ އިސްލާމިކް ސްޓޭޓާ ދެކޮޅަށް މުސްލިމު ގައުމުތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ކުރީގައި އޮތް ގައުމުކަން ވެސް ފާހަގަކޮށްލެވެ އެވެ.