ދުނިޔެ

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހިލަރީ ކާމިޔާބުކުރައްވައިފި

Jun 7, 2016

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ކުރީގެ ފަސްޓް ލޭޑީ އަދި ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ކާމިޔާބުކުރައްވައިފި އެވެ.

މިއީ އެމެރިކާގެ ތާރީހުގައި އަންހެނަކު އެގައުމުގެ މައި ޕާޓީއެއްގެ ރިޔާސީ ޓިކެޓު ހޯދި ފުރަތަމަ ފަހަރެެވެ.

ސީއެންއެން އިން ބުނާ ގޮތުގައި މިހާތަަނަށް ޕާޓީގެ ޓިކެޓު ހޯދުމަށް ބޭނުންވާ ޑެލިގޭޓުންނާއި ސުޕަޑެލިގޭޓުންގެ މެޖޯރިޓީ ހިލަރީ ވަނީ ކާމިޔާބު ކޮށްފަ އެވެ. އެގޮތުން، 1812 ޑެލިގޭޓުންނާއި 572 ސުޕަރޑެލިގޭޓުންނާއެކު ޖުމްލަ 2384 ޑެލިގޭޓުން ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއީ ޕާޓީގެ ޓިކެޓު ހޯދުމަށް ބޭނުންވާ އަދަދަށްވުރެ ގިނަ އަދަދެކެވެ.

މިރޭ ކެލިފޯނިއާ އާއި ނިއުޖަރޒީގައި ގުނާ ނުރަސްމީވޯޓުގެ ސަބަބުން ޑެލިގޭޓުންގެ އަދަަދު އަދި މިއަށް ވުރެ ގިނަ ވާނޭ ކަމަށް ލަފާކުރެވިފައިވެ އެވެ. އަދި، އަންނަ މަހު ބާއްވާ ޕާޓީ ކޮންވެންޝަނުގައި ޓިކެޓު ރަސްމީކޮށް ކަށަވަރުވެގެންދާނެ އެވެ.

އެމެރިކާގެ ސިޔާސީ ދާއިރާގައި 30 އަހަރު ހަރަކާތްތެރިވެފައިވާ ކްލިންޓަނަށް ދެން ކުރިމަތިލާން ޖެހޭނީ ރިޕަބްލިކަން ޕާޓީ އިން ނެރޭ ކެންޑިޑޭޓަކާއި ދެކޮޅަށެވެ. މިހާތަނަށް ބަލާއިރު، މި ކެންޑިޑޭޓަކީ ވިޔަފާރިވެރިޔާ ޑޮަނަލްޑް ޓްރަމްޕެވެ.

ކްލިންޓަނާއި ޓްރަމްޕް ވަނީ އެކި ޕޯޑިއަމްތަކުގައި އަނެއް ކެންޑިޑޭޓަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ޓްރަމްޕްގެ ސިޔާސީ އަދި ނަސްލީ އިމްތިޔާޒުގެ ހަރުކަށި ވިސްނުންތަކަށް ހިލަރީ ވަނީ ފާޑުކިޔާފަ އެވެ. އަދި، މިފަދަ ވިސްނުންތަކަކީ އެމެރިކާގެ ރައީސަކާއި ނުބައްދަލު ވިސްނުންތަކެއް ކަމަށްވެސް ހިލަރީ ދަނީ ބުނަމުންނެވެ. މަގާމާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ޓްރަމްޕް ދަނީ ކްލިންޓަނަށް ފާޑު ކިޔަމުންނެވެ.

އެމެރިކާގެ ރިޔާސީ ދައުރަކީ ހަތަރު އަހަރުގެ ދައުރެކެވެ. ޖެހިޖެހިގެން ދެ ދައުރަށް ވުރެ ގިނައިން އެއް ރައީސަކަށް މަގާުމު އަދާނުކުރެވެ އެވެ. މިހާރުގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ ދެދައުރު ހަމަވުމާއި ގުޅިގެން މަގާމަށް އަލުން އިސްކުރާނޭ ރައީސެއްގެ ބަހުސް އެގައުމުގައި ހޫނުވެފައިވެ އެވެ. އަދި، މަގާމަށް އިސްވާ ބޭފުޅެއްގެ ސަބަބުން އެގައުމުގެ ދާޚިލީ ސިޔާސަތުގެ އިތުރުން ދުނިޔެއަށް ގިނަ ބަދަލުތަކެއް އަންނާނޭ ކަމަށް ބެލެވެ އެވެ.